މި ސަރުކާރުން ކައުންސިލްތަކަށް ޖެއްސުމެއް ނުކުރާނެ: ރައީސް

މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އެމަނިކުފާނަށް އެމްޑީޕީގެ ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކާއި ޖެއްސުން، މި ސަރުކާރުން ކައުންސިލްތަކަށް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުން އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވައި ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ނުގެންނަވަން ކަމަށެވެ.

ކުރީ ސަރުކާރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި މާލޭގައި އެއްވެސް ކަމެއް ކުރާނެ ފުރުސަތެއް އެމްޑީޕީ ސަރުކާރުން ނުދިން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ކައުންސިލްތަކަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، މި ސަރުކާރުން ކުރާނެހާ ވެސް ކަމަކީ ލާމަރުކަޒީ ނިޒާމު “ޗެމްޕިއަންކޮށް” އެ ނިޒާމު ވަރުގަދަކުރުން ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްވެސް ކައުންސިލެއް މާލެ ގެންނަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރައްވަނީ އެހެންވެ ކަމަށެވެ. އަދި ކައުންސިލްތަކުން ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަމެއް ކުރަން ސަރުކާރުން ހުއްދަދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“ބޯޅަ އޮތީ ކައުންސިލްގެ ކޯޓުގައޭ” ވިދާޅުވެ ރައީސް ވަނީ ކައުންސިލްތަކަށް ރައްދު ދެއްވައިފައެވެ. އަދި މަޝްރޫއުތައް ހިންގުމާއި ނުހިންގުމުގެ ހުރިހާ ބާރު އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.