
ބ. ކަމަދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާ މޮނިއުމެންޓެއް ޑިޒައިންކުރުމަށް އެ ރަށު ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި ފުރުސަތު ހުޅުވާލެވިފައިވަނީ ކަމަދޫގެ ރައްޔިތުންނަށާއި، އެ މީހެއްގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކުގެ ރަޖިސްޓްރީ އެ ރަށުގައި އޮންނަ ފަރާތްތަކަށެވެ. އެންމެ މޮޅު ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް 50،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
ހުށަހަޅާ ޑިޒައިނަކީ ކަމަދޫގެ ތާރީޚާއި ސަގާފަތް އަދި ފަތުރުވެރިކަން ރަމްޒުކޮށްދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އަދި މި މޮނިއުމެންޓަކީ އެ ރަށުގެ ނަން ރަމްޒުކޮށްދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޒައިން ހުށަހަޅަން ޖެހެ އެވެ.
ކަމަދޫއަކީ ދޮންވެލި ގޮނޑުދޮށާއި، ނޫކުލައިގެ ކަނޑާއި، މުއްސަނދި ފަޅާއި ފަރު އަދި ގަސްގަހާގެހީގެ ސަބަބުން ޤުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. 16 ހެކްޓަރުގެ މި ރަށަކީ ލޯކަލް ޓޫރިޒަމްގައިވެސް ކުރިއަރަމުން އަންނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މިހާރު އެ ރަށުގައި 13 ގެސްޓްހައުސް ހިންގަމުން ގެންދެ އެވެ.
ކަމަދޫއަކީ ރާއްޖޭގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެ ރަށުގައި ބާއްވާ އީދު ކުޅިވަރުތައް ބަލާލުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

އެވޯރޑް ކޮއްފަ މިހާރު އޮންނާނީ. އެންމެ ދުވަހެއް ދީފަ އެއެތީ.