
ބ. ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުން ދާތީ، އެ ރިސޯޓާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކިހާ މޯލްޑިވްސް ރިސޯޓު ހިންގާ ކިހާދުއްފަރަކީ އެ މިނިސްޓްރީ އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެ ރިސޯޓަކީ ޓޫރިޒަމާ ބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުންދާ ރިސޯޓެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ޝަރުތުތަކެއްގެ މަތިން އެ ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27 ގައި ހަމަވެފައިވާއިރު، ކަންކަން ރަނގަޅުކޮށްފައި ނުވާތީ، އޭގެ ފަހުން އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައެއް ނުވެ އެވެ.
ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ރިސޯޓު ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވާތީ އާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބަމުން ގެންދާތީ، ދެ ފަހަރެއްގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ކިހާދުއްފަރުގައި ރިސޯޓު ހިންގުމަށް ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ތަކުރާރުކޮށް ހިލާފުވެފައި ވާތީ އާއި ގާނޫނާ ހިލާފަށް އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ހާލަތުގައި ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް އަންގައިފައިވެ އެވެ.

