ސީސީން ކިންގްސް ކަޕްގައި އޭދަފުށި ތަމްސީލުކުރަނީ، ފުރަތަމަ މެޗު މިރޭ

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ގެ ޗެމްޕިއަން ޓްރޮފީ އޭދަފުށިން އުފުލާލަނީ

ކްލަބް މޯލްޑިވްސްއިން އިންތިޒާމުކުރާ ކިންގްސް ކަޕްގައި ސީސީ ސްޕޯޓްސް ކްލަބުން އޭދަފުށި ތަމްސީލުކުރާއިރު، ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ.

ކިންގްސް ކަޕަކީ ޗެމްޕިއަނުންނަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސްއިން ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރު އެ މުބާރާތުގައި ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުގައި ވާދަކުރީ ކްލަބް މޯލްޑިވްސް ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ރިސޯޓު ލީގުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އެވެ. އެ މެޗުން މޮޅުވެ މިދިޔަ އަހަރުގެ ކިންގްސް ކަޕް ކާމިޔާބުކުރީ ވެމްކޯ އެވެ.

މިއަހަރުގެ މުބާރާތް ފުޅާކޮށް 8 ޓީމު ވާދަކުރާނެއެވެ. އޭދަފުށީގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ 2025 ގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމު ކާށިދޫ އާއި އެ މުބާރާތުގެ ރަނަރަޕް ޓީމު ނައިވާދޫގެ އިތުރުން އައްޑޫ ސިޓީގެ މައިލޯ ސިޓީ ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސްގެ ޗެމްޕިއަން ކްލަބް ވެމްކޯ އާއި ރަނަރަޕް ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) ގެ އިތުރުން ކްލަބް މޯލްޑިވްސް ކްލަސިކް ޗެމްޕިއަން ކުޅިވަރު ވުޒާރާ އަދި ޖޯލި މޯލްޑިވްސްއެވެ.
އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:15 ގައި ނުކުންނާނީ ނައިވާދޫއާ ދެކޮޅަށެވެ. އޭދަފުށި ހިމެނޭ ގްރޫޕުގެ އަނެއް މެޗުގައި މައިލޯ ސިޓީ އާއި ކާށިދޫ ވާދަކުރާ މެޗު ފަށާނީ 10:35 ގަ އެވެ. މިރޭ ގްރޫޕް އޭގައި 9:15 ގައި ވާދަކުރާނީ ކުޅިވަރު ވުޒާރާއާއި ކްލަބް ވެމްކޯ އެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި 10:35 ގައި ވާދަކުރާނީ އާރުއާރުސީއާއި ޖޯލި މޯލްޑިވްސްއެވެ.

މިއީ އޭދަފުށި ކިންގްސް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ސީސީން ކިންގްސް ކަޕްގައި އޭދަފުށި ތަމްސީލުކުރަނީ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.

ސީސީން ވަނީ ކިންގްސް ކަޕަށް ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. އޭގެތެރޭގައި ރަށުން ބޭރުން ޖެހޭ ކުޅުންތެރިންގެ ޖާގައިގައި ފުޓްސަލްގެ މަޝްހޫރު ތަރިން ވަނީ ޓީމަށް އިތުރުކޮށްފައެވެ. އެގޮތުން ފުޓްސަލް އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުހައްމަދު އައްޒާމްގެ އިތުރުން ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އަދި ޖުމައިލް ޖަމީލް (ޖުމްބެ) ހިމެނެއެވެ.

ކިންގްސް ކަޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި ސެޕްޓެމްބަރު 1 ވަނަ ދުވަހު ނުކުންނާނީ ކާށިދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އެރޭ 9:30 ގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މައިލޯ ސިޓީއާ ދެކޮޅަށް އޭދަފުށި ކުޅޭނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ. އެ މެޗު ފަށާނީ އެރޭ 8:30 ގަ އެވެ.

ކިންގްސް ކަޕްގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.

ކިންގްސް ކަޕްގައި އޭދަފުށި މިރޭ ފުރަތަމަ މެޗު ކުޅޭއިރު އޭދަފުއްޓަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ސީސީ ސްޕޯޓްސް ކްލަބުގެ އެދުމެކެވެ. މިރޭ 9:15 ގައި އޭދަފުއްޓާ ނައިވާދޫ ވާދަކުރާ މެޗު ކުޅޭނީ ހުޅުމާލެ، ރެހެންދި ގްރައުންޑް އެކެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.