
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ހަނިފަރުގެ ސަރަހައްދަށް ލިބިދާނެ ގެއްލުންތަކާ ގުޅިގެން އެ މަޝްރޫޢު ހުއްޓާލުމަށް ގޮވާލައި ހުޅުވާލި އޮންލައިން ޕެޓިޝަނެއްގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރެޒިލިއެންސް މޯލްޑިވްސްއިން މިދިޔަ ބުދަ ދުވަހު ހުޅުވާލި މި ޕެޓިޝަނުގައި ބުނެފައިވަނީ، ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ “ހަނިފަރު ބޭ” އަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ އިތުރުން، ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ރެޒިލިއެންސް މޯލްޑިވްސްއިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރުން، ގައުމުގެ އިގުތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
އެ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތް ފެށުމުން އެ ސަރަހައްދުގެ އޮއިވަރު ދައުރުވާ ގޮތަށް ބަދަލު އައިސް، އެތަނުގައި އުޅޭ ފެހުރިއްސާއި މަޑިތަކުގެ ކާނާގެ ނިޒާމަށް އަސަރުކޮށް، މުރަކަތައް މަރުވެ، އެތަނުގެ މުޅި ވެށި ހަލާކުވެގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ސަބަބުން އެ ދިރުންތަކަށް ބަރޯސާވެ އިގުތިސާދީ ނަފާ ހޯދާ އާންމުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.
ދޮންފަނުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް ރެޒިލިއެންސް މޯލްޑިވްސްއިން ވަނީ މި މަޝްރޫޢު މަޑުޖައްސާލައި، އެ ސަރަހައްދުގެ ވެއްޓަށް ލިބޭނެ ގެއްލުން އަންދާޒާކުރުމަށް ފުރިހަމަ އީއައިއޭ ރިޕޯޓެއް ހެދުމަށްފަހު މެނުވީ މި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ގޮވާލާފައެވެ.

