ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާ އުސޫލަށް ގެންނަ ބަދަލާ އެކުގައި ކަމަށެވެ. މި ބަދަލު ގެންނަން ނިންމެވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ، އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިޕަލް ޚިދުމަތްތައް މަދު ނުވާތީ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު އިއުލާނު ކުރެއްވި އިތުރު ބަދަލުތަކުގެ ތެރޭގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކައުންސިލްތަކުގެ ބަޖެޓުން ދޭ މިންވަރު ފަސް ޕަސެންޓުން 10 ޕަސެންޓަށް އިތުރުކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ދެމުން އައި ރޯދަ އިނާޔަތް، ކޮމިޓީގެ ބަޖެޓުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން ދޭގޮތަށް ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން ދޫކުރި 2.2 ބިލިއަން ރުފިޔާގެ ތެރެއިން 1.4 ބިލިއަން ރުފިޔާ އަހަރު ނިމުނުއިރުވެސް ހަރަދުނުކޮށް ބާކީ ހުރިކަން ރައީސް މުއިއްޒު މިދިޔަ މަހު ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ ކުރީކޮޅު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ބްލޮކް ގްރާންޓު ދޫކުރަނީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އެހެންވެ އެ ފައިސާ ޚަރަދުކުރުމަކީ ލާޒިމު ކަމެއްކަމަށެވެ.

މި އައު ބަދަލާއެކު، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ ފައިސާ އިތުރަށް ހަރުދަނާ ގޮތެއްގައި ބޭނުންކުރެވި، ރަށްރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.