
ބ. ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެކަމުން ހަނިފަރު ބަޔޮސްފިއަރ ރިޒާވަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން ބ. އަތޮޅު ކައުންސިލުން ފާޅުކޮށްފިއެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހް ވިދާޅުވީ، ހަނިފަރާ އެހާ ކައިރީގައި އޮންނަ ދޮންފަނުގެ ފަޅުން ބިން ހިއްކައިފިނަމަ، ހަނިފަރަށް ކިސަޑުގެ އަސަރުކޮށް، އެ ސަރަހައްދުން ފެންނަމުންދާ މަންޓާއާއި މަޑި ފަދަ ދިރުންތައް ދެން ނުފެންނާނެ ކަމަށެވެ. މީގެކުރިން ދަރަވަންދޫގެ ބަނދަރު ހެދި ދުވަސްވަރު ވެސް މިފަދަ ކިސަރުގެ އަސަރުތައް ފާހަގަކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ
.“އަދި ދޮންފަނު މި އޮންނަނީ ހަނިފަރާ ވަރަށް ކައިރީގައި. ރަނގަޅު އީއައިއޭއެއް ނެތި، ޝޯ ޕްރޮޓެކްޝަންގެ ރަނގަޅު ޕްލޭނެއް ނެތި މިހާރު އެ ހިއްކާ ގޮތަށް ހިއްކައިފިނަމަ ހަނިފަރަށް ވަރަށް ބޮޑެތި އަސަރުކުރާނެ. މަންޓާއަކީ މި ބ. އަތޮޅުގެ ރަމްޒު، އެއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުން ބަލައެއް ނުގަނެވޭނެ،” އަފްރާހް ވިދާޅުވި އެވެ.

ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަކީ ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ، ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި ސަރަހައްދެކެވެ. މި ސަރަހައްދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލު ތަނެކެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ.
އަފްރާހް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢާ ގުޅޭގޮތުން އަތޮޅު ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވެއެވެ. އަދި މުޅި އަތޮޅުގެ އިޤްތިޞާދާއި ތިމާވެއްޓާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި ކައުންސިލާ މަޝްވަރާ ނުކުރާތީ، ސަރުކާރުން މި ކަމުގައި ގެންގުޅޭ ޕްލޭނެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަފްރާހް ވިދާޅުވީ މިއީ ދޮންފަނުގެ ރައްޔިތުންގެ ބޭނުންތަކާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، ދޮންފަނުގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި، ހަނިފަރަށް އަސަރުނުކުރާނެ ގޮތަކަށް މަޝްރޫޢު ރޭވުން މުހިންމު ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދޮންފަނުގެ ބިން ހިއްކުމުން އެތާ ކައިރީ އޮންނަ ހަނިފަރު ބޭއަށް ގެއްލުންވާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އަދި ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވާލައި، މިދިޔަ ބުރާސްފަތި ދުވަހު ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށައިފައެވެ.
އެ ޕެޓިޝަންގައި ބުނީ ހަނިފަރު ބޭ އަކީ ދުނިޔޭން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ އެންމަޑިއާއި ފެހުރިއްސާއި އެތައް ބާވަތެއްގެ މުރަކަ އާލާވެފައިވާ ވެފައިވާ ތަނެއް ކަމަށެވެ.
