
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ، އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން މިއަދު ވަގުތީ ގޮތުން މަނާކުރި ނިންމުން ބާޠިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ އަންގައިފި އެވެ.
އެލްޖީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތަކުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެ މާއްދާ އަށް ރިއާޔަތްކޮށް، އެލްޖީއޭ އިން ބުނިގޮތުގައި، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނާ ހިލާފެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. “ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާނެ“ ކަމަށް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވެފައިވަނީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެންނެވެ. ޖުމުލަ 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަރަހައްދަށް ނުވަދެވޭ ގޮތް ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރުވާނެ ކަމެއް ކަމަށް މަޓާޓޯއިން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން މިއަދު ވަހީ ކަނޑުމަތީގައި ވެސް މުޒާހަރާކުރަން ފަށައިފަ އެވެ.