އޭދަފުށި ކަޕް ފައިނަލުގައި މިއަހަރުވެސް ވެލާ އާއި އިރުމަތީގެ ކުރިމަތިލުމެއް

ފޮޓޯ: އިމޭޖަސް.އެމްވީ / އޭދަފުށި ކައުންސިލް

ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ވެލާ ސްޕޯޓްސް ކްލަބުން އިރުމަތި ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ޓީމެވެ.

މި ދެ ޓީމު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރިއިރު، އިރުމަތިން ވަނީ 2-0 އިން ކުރިހޯދައިފަ އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އިރުމަތިން ވަނީ 5-2 އިން ސީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި އިރުމަތީގެ ޕްރިންސް ބޯޑޫ ވަނީ ހަތަރު ގޯލު ޖަހައި، ޓީމަށް ފައިނަލަށް ދިއުމުގެ މަގު ތަނަވަސްކޮށްދީފަ އެވެ. އިރުމަތީގެ އަނެއް ގޯލު ޖެހީ ހަސަން އަޒޫމް އަލީ އެވެ. ސީސީގެ ފަރާތުން ދެ ގޯލު ޖެހީ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އެވެ.

ފޮޓޯ: އިމޭޖަސް.އެމްވީ / އޭދަފުށި ކައުންސިލް

ދެވަނަ ސެމީ ފައިނަލުގައި، އިއްޔެ ހަވީރު ވެލާ އިން ވަނީ ހުސް ސޮނގުން ފުޓްބޯޅަ ޓީމާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެފަ އެވެ. މި މެޗުގެ 87 ވަނަ މިނެޓުގައި ވެލާގެ އަހުމަދު ސުހައިލް (ބަމްޕުޗު) ވަނީ ކޯނަރަކުން އައި ބޯޅައެއްގައި ގޯލެއް ޖަހައިފަ އެވެ. ނަމަވެސް މެޗު ނިމެން ކައިރިވަނިކޮށް ހުސް ސޮނގުންގެ އިބްރާހިމް އޮލަޑިމޭޖީ ވަނީ ޕެނަލްޓީއަކުން މެޗު އެއްވަރުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ވެލާގެ ގޯލްކީޕަރު މިފްދާދު އަހުމަދުގެ މޮޅު ކުޅުމާއެކު، ވެލާ އިން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ވެލާގެ ފަރާތުން އަހްރޯރް އުމަރުޖަނޯވް، ޖަސުބެކް އެރްމަމަޓޯވް އަދި މުހައްމަދު ޝާން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ވެލާ އާއި އިރުމަތި ބައްދަލުކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

މި މެޗަކީ މުޅި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވެލާ އާއި މުބާރާތުގައި މިހާތަނަށް ވަރުގަދަ ކުޅުމެއް ދައްކާފައިވާ އިރުމަތި ބައްދަލުކުރާ މެޗަކަށް ވުމާއެކު، ގިނަ ބަޔަކު މި މެޗަށް ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.