އުރީދޫގެ އޭއައި ޗެޓްބޮޓްއިން މި މަހު ރަންނަމާރިއާ ވާހަކަ ދެއްކޭނެ

އުރީދޫން މި އަހަރުގެ ކަލަންޑަރާ ގުޅުވާ ލޯންޗް ކުރި ޗެޓްބޮޓްއިން މި މަހު ރަންނަމާރިއާ ޗެޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

“ފިއުޗާ މީޓްސް ނޮސްޓަލްޖިއާ”ގެ ނަމުގައި އުރީދޫއިން މިއަހަރަށް ލޯންޗުކުރި ކަލަންޑަރަކީ ރާއްޖޭގެ ފޯކްލޯ ވާހަކަތަކުގައި ހިމެނޭ ކެރެކްޓަރުތައް ހިމަނާ ނެރުނު ކަލަންޑަރެކެވެ. އެ ކަލަންޑަރުގައި ކޮންމެ މަހަކަށް ހާއްސަ ވަކި ކެރެކްޓާއެއް ހުރެ އެވެ. އަދި ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެންއެފްސީގައި ފޯނު ޖެއްސުމުން ލިބޭ ލިންކަށް ވަދެގެން އެ މަހަކަށް ހާއްސަކޮށްފައިވާ ކެރެކްޓަރާ ޗެޓު ކުރެވޭނެ އެވެ.

ރަންނަމާރިއަކީ ދިވެހި ތި ތާރީޚުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.

އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރައެވެ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައެވެ. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރެއެވެ.

މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ޤުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅިއެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ޤުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ ޤުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔައެވެ. އަދި އެއަށްފަހު ދުވަހަކުވެސް ނާދެއެވެ.

އުރީދޫން އިން ކޮންމެ މަހަކަށް ވެސް ތަފާތު ހާއްސަ ކެރެކްޓާއެއް ވަނީ ހިޔާރު ކޮށްފަ އެވެ. ޖުމްލަ 12 ކެރެކްޓަރާ ޗެޓްކުރުމުގެ ފުރުސަތު ލިބޭއިރު، ކޮންމެ މަހަކު އާ ކެރެކްޓާއެއް އަންލޮކްވާނެ އެވެ. ކެރެކްޓަރުންނާއި ޗެޓު ކުރެވޭނީ އަންލޮކްވުމުންނެވެ. މި ކެރެކްޓަރުންނާއި އެކި ސުވާލުތައް ކުރުމާއި އެ ކެރެކްޓާއާ ގުޅޭ އެކި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ..

އުރީދޫއިން ބުނީ ކޮންމެ ކެރެކްޓާއެއްގެ ޗެޓްބޮޓް ޗެޓުކުރުމުގައި ގެންގުޅޭނީ އެ ކެރެކްޓަރަކާ ގުޅޭ ސިފަތައް ކަމަށެވެ. މި ޗެޓްބޮޓުގައި ދިވެހި އަދި އިނގިރޭސިން ޗެޓު ކުރެވޭނެ އެވެ.

އުރީދޫއިން ބުނީ މި ފަހަރުގެ ކަލަންޑަރު ރާއްޖޭގެ ފޯކްލޯރުތައް ހިމަނާ ތައާރަފްކުރީ އެ ވާހަކަތައް އަންނަން އޮތް ޖީލާ ހަމައަށް ފޯރުކޮށްދީ، ރާއްޖޭގެ އެފަދަ އެކި ވާހަކަތަކަށް ޒުވާނުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުކުރުވުމަށް ކަމަށެވެ.

ރާއްޖެއާ ގުޅޭ އެކި މައުލޫމާތާއި ކަންތައްތައް ހިމަނައިގެން، އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ އެހީގައި އުރީދޫން ކޮންމެ އަހަރަކު ވެސް އަންނަނީ ކަލަންޑަރުތައް ނެރެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.