ނާސިހާއި ސައްޓުގެ އިތުރުން ފާއްޓެ ވެސް ފުޓްސަލް ގައުމީ ޓީމަށް

ސައްޓު، ފާއްޓެ އަދި ނާސިގު — ފޮޓޯ ސިޑިބަރި އަދި އަދަދު އޮންލައިން

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުން އޭދަފުށީ ތިން ކުޅުންތެރިން ޖާގަ ހޯދައިފި އެވެ.

އެފްއޭއެމުން މިއަދު އިއުލާން ކުރި ސްކޮޑުގައި ހިމެނޭ އޭދަފުށީ ތިން ކުޅުންތެރިންނަކީ އަބްދުﷲ ނާސިހު، އިޝާން އިބްރާހީމް (ސައްޓު) އަދި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

ގޯލްކީޕަރު ނާސިހަކީ ގައުމީ ފުޓްސަލް ޓީމުގައި 2017 އިން ފެށިގެން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި ސައްޓު އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ފުޓްސަލް ގައުމީ ޓީމަށް ކުޅެމުންނެވެ.

ގައުމީ ފުޓްސަލް ސްކޮޑުން ދެން ޖާގަ ހޯދި ކުޅުންތެރިންނަކީ އަހްމަދު އަޔާޒް (އަޔާ)، ޝާމިން މުހައްމަދު، އަލީ ޝިޔާހް (ޝިޔާ)، އިސްމާއިލް ވަޖީހް (ވައްޖެ)، އަހްމަދު ރާހިލް، އަލީ ޝަމާލް (ޝަންމު)، ހުސެއިން ސުހެއިލް (ސޮކޭ)، ހުޒެއިފަތު ރަޝީދު (ހުޒޭ)، މުހައްމަދު އިމްރާން (އިންމި)، އަލީ ހާފިޒް (ހާއްޕެ) އަދި ގޯލްކީޕަރު އަބްދުﷲ ޒިމާމް އެވެ.

އޭޝިއަން ކަޕް ކޮލިފަޔާސްގައި ރާއްޖެ ހިމެނެނީ މިޔަންމާ އަދި އަފްގާނިސްތާނާ އެކު ގުރޫޕެ އެޗްގަ އެވެ. މި ގްރޫޕުން އެއްވަނަ ހޯދާ ޓީމު 2026 އޭޝިއަން ފުޓްސަލް ކަޕަށް ސީދާ ކޮލިފައިވާނެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ފުރުސަތު އޮންނާނީ ގްރޫޕްތަކުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ނަތީޖާ ރަނގަޅު ހަތް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) އެވެ. ކޮލިފައިން އަށް ގައުމީ ޓީމު މިޔަންމާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.