ޑެބިޓް ކާޑުން ޑޮލަރު ކެނޑޭ މިންވަރު 1،000އަށް މަތިކުރަނީ

މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.

މ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މ. މުލީގައި ރޭ ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ މިއީ ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. މީގެ އިތުރުން، އެއަރލައިން ޓިކެޓާއި ރާއްޖޭން ބޭރުގެ ހޮޓާތަކަށް ޑެބިޓް ކާޑުން ދެއްކޭ އަދަދު 3،000 ޑޮލަރަށް މަތިކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާއަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. “މި ޚިދުމަތްތަކުގެ ސަބަބުން، މިހާރު ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ އަޅުވެތިކަމުން އަރައިގަނެވޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާ ޔުއާން އަދި އިންޑިއަން ރުޕީސްގެ ޚިދުމަތްތައް

އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، ޗައިނާ ފައިސާއިން ބީއެމްއެލްގައި އެކައުންޓު ހުޅުވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި، އަންނަ ޖެނުއަރީން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓުތަކަށް ޚާއްޞަކޮށްގެން، ދުނިޔޭގެ 180 އަށްވުރެ ގިނަ ޤައުމުތަކުގައި ބޭނުންކުރާ ޔޫނިއަން ޕޭ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭގައި ތަޢާރަފްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އިންޑިއަން ރުޕީސްއިން މިފަދަ ޚިދުމަތްތައް ތަޢާރަފްކުރުމަށް ބޭންކުން މަސައްކަތްކުރަމުންދާ ކަމަށާއި، މިއީ ޑޮލަރުގެ އިތުރުން އެންމެ ގިނަ ދިވެހިން ވިޔަފާރިކުރާ ފައިސާކަމުން، މިކަމުން ޑޮލަރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.