
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން އިއްޔެ އދ. ދިއްދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
އަމާޒަކީ މި ހަފްތާ ތެރޭގައި އެ އަތޮޅު ދިއްދޫގެ އިތުރުން ފެންފުށި، ކުނބުރުދޫ އަދި މަންދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ.ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި، ދިއްދޫގައި އޭޓީއެމްގެ ހިދުމަތް އެ މަނިކުފާނު ވަނީ މިއަދު އިފްތިތާހުކޮށްދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގދ. އަތޮޅުގައި މިކުރާ އިންވެސްޓްމަންޓަކީ ބޭންކަށްވެސް އަދި އެ އަތޮޅުގެ މުޖުތަމަޢުތަކަށްވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލުކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް.”
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 189 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 247 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.