
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ފާހަގަކުރާ ކަސްޓަމަރ ޑޭ، މި އަހަރުވެސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.
މި ހަރަކާތުގެ ތެރެއިން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެ މީހުންގެ ހިޔާލުތައް ހޯއްދަވާފައެވެ.
ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސުތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ވަނީ ޒިޔާރަތްވެސް ކޮށްފައެވެ. މީގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަން ހިމެނެއެވެ. މި ހަރަކާތްތަކުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، އެމީހުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް ވަނީ އެއްކޮށްފައެވެ.
އުރީދޫއިން ފާހަގަކުރައްވާ ގޮތުގައި، އެ ކުންފުނީގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ ކަސްޓަމަރުންނެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދެއެވެ. މި އަހަރުގެ ކަސްޓަމަރ ޑޭގެ ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދެއެވެ. މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ “ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއެންސް” އެވެ.