އދ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސް އިން އދ. މަންދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

“އދ. އަތޮޅަކީ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އަޅުގަނޑުމެންގެ ޚިދުމަތްތައް މުޅި އަތޮޅަށް ފުޅާކުރުމުން މި އަތޮޅުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި މާލީ ޚިދުމަތްތަކާއެކު އަތޮޅުގެ އިގްތިސާދު އިތުރަށް ކުރިއަރައިގެންދާނެ.”

ބީއެމްއެލްއިން ވަނީ މަންދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް މި ހަފްތާތެރޭގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.  

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 192 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 250 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.