
ބ. ކިހާދޫ ސްކޫލުގެ މުދައްރިސުންނަށް މަސައްކަތްކުރުމަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން، ވޯކިންގ ސްޓޭޝަން ހެދުމަށް އެރަށު ކައުންސިލުން އެއްލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ.
ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއު ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކުވެސް އެ ކައުންސިލުން އެރަށު ސްކޫލަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދެއެވެ. މިގޮތަށް އެހީތެރިކަން ފޯރުކޮށްދެނީ ރަށުގެ ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ގުރޭޑް 10ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށާއި ހިންގާ އިތުރު ހަރަކާތްތަކަށް ވެސް އަޅުގަނޑުމެން މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިވަމުން ދާނީ،” ކައުންސިލް ރައީސް ޝާފިއު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި، ކައުންސިލުން ދެއްވި މި އެހީއާއެކު، އެ ސްކޫލުގެ މުދައްރިސުންނަށް ބޭނުންވާ 35 ވޯކިންގ ސްޓޭޝަން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް، ބީލަމުގެ އުސޫލުންނެވެ.
ސްކޫލުގެ އަމާޒަކީ އަންނަ ދިރާސީ އަހަރު ފެށުމާއެކު، މުދައްރިސުންނަށް މި ވޯކިންގ ސްޓޭޝަންތައް ބޭނުންކުރެވޭ ހާލަތަށް ގެނައުމެވެ.
ކިހާދޫ ސްކޫލުގައި މިވަގުތު ގްރޭޑް 10 އާ ހަމައަށް 150 އާ ގާތްކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ މި ސްކޫލުގެ ދަރިވަރުން މިފަހަކަށް އައިސް އޯލެވެލްގެ ގަދަ ދިހައިގައި ވެސް ހިމެނެމުން އަންނަ ކަމެވެ.