މި މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަނީ

ގދ. ދިއްދޫގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ރައީސް މުއިއްޒު އިފްތިތާހުކޮށް ދެއްވަނީ. –ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް މިމަހު ނިމޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އދ. މަންދޫގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާވީ މިދިޔަ އަށް މަސް ދުވަސް ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 95 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. އަދި މިހާރު އޭޓީއެމް ނުބެހެއްޓި ހުރީ ބާކީ 10 ރަށެއްގައި ކަމަށް އޭނާ ވިދަޅުވި އެވެ.

އެރަށްތަކުގައި ވެސް ކުރިއަށް އޮތް 20 ވަރަކަށް ދުވަސް ތެރޭގައި އޭޓީއެމް ބަހައްޓައި، ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ނުނިމި ހުރީ ޅ. އަތޮޅާއި ލ. އަތޮޅާއި އައްޑޫ ސިޓީގެ މީހުންގެ ދިރިއުޅޭ ބައެއް ރަށްތަކުގަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް ރަށްރަށުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން 122،000 އަށް ވުރެ ގިނަ ޓްރާންސެކްޝަން ހަދާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 313 މިލިއަން ރުފިޔާގެ މުއާމަލާތްތަކެވެ. އޭގެ ތެރެއިން 145 މިލިއަން ރުފިޔާއަކީ އޭޓީއެމްތައް މެދުވެރިކޮށް އެކައުންޓްތަކަށް ޖަމާކުރި ފައިސާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ބީއެމްއެލްއިން މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައިވަނީ 2000 ވަނަ އަހަރު އެވެ. އަދި މިދިޔަ 24 އަހަރު ތެރޭގައި މާލެ ފިޔަވައި 81 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވެ އެވެ. އިއްޔެ މަންދޫގައި ހުޅުވާފައިވަނީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.