
ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން މިއަދު ލ. އަތޮޅު ހިތަދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
މީގެ އިތުރުން، ހިތަދޫގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށާއި ބްރާންޗްގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ބީއެމްއެލް އިން ބުނީ، ހިތަދޫގެ އިތުރުން އިތުރުން މި ހަފްތާގެ ތެރޭގައި، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން މި އަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެ ކަމަށެވެ.
“ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އިސްކަން،” އޭނާ ވިދާޅުވި އެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސާވިސް ބޭންކިން ސެންޓަރު، 252 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދެމުންނެވެ.