އޭދަފުށިން ކިހާދޫ ލަދުގަންނުވާލައިފި

ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ކިހާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ކިހާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ކުރިޔަށްދާ ބ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި އޭދަފުއްޓާއި ކިހާދޫ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އޭދަފުށި ކާމިޔާބުކޮށް ކިހާދޫ ޓީމު ލަދުގަންނުވާލައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް އޭދަފުށި ޓީމުން ކާމިޔާކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗްގައި ދެ ޓީމުގެ ފަރާތުންވެސްވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މިއަދުގެ މެޗްގައި އޭދަފުށި ޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ނިމިދިޔަ ދިވެހި ޕްރިމިއަރ ލީގްގައި މޮޅު ކުޅުމެއް ދެއްކި އަދި އެންމެ ގިނަ ގޯލްވެސް ކާމިޔާބުކުރި އަލީ ފާސިރު (ސެންޓޭ)އެވެ. ސެންޓޭ މި ގޯލް ކާމިޔާބުކުރީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުންވެސް ސެންޓޭއަށްވަނީ ގޯލް ޖަހާނެ ރަނުގެ ފުުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭދަފުށި ޓީމުގެ ދެވަނަ ގޯލަކީ ކިހާދޫ ކުޅުންތެރިޔެއްގެ ބައިކޮޅަށް ޖެހި ލަނޑެކެވެ. މި ލަނޑުވަނީ އަލީ ފާސިރު (ސެންޓޭ) ދަނޑުގެ އަރިމަތިން ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ކިހާދޫ ޓީމުގެ އަހުމަދު މިފުޒާލް ފައިގަ ޖެހިފައެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފްގައި ކިހާދޫ ޓީމުންވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލަށް ނުރައްކާކޮށްފައެވެ. ކިހާދޫ ޓީމުން ފޮނުވާލި ހުރިހާ ހަމަލާއެއްވެސް އޭދަފުށި ޓީމުގެ ގޯލް ކީޕަރ އަބްދުﷲ ޒިޔަޒަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭދަފުށި ޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނިކުތް ހުސެން ޝިހުބާން (ބައްޓޭ)އެވެ. ބައްޓޭވެސް މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ބޭރުގައި ހުރެ ގޯލް މަތީކަނަށް ބޯޅަށް ފޮނުވާލައިގެންނެވެ. އޭދަފުށިން 3 ވަނަ ލަނޑު ޖެހިތާ 2 މިނިޓް ފަހުން އަނެއްކާވެސް އަލީ ފާސިރު (ސެންޓޭ) ގެ އެހީތެރިކަމާއެކު ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އޭދަފުއްޓަށް 4 ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުންވެސް ސެންޓޭ އަދި ހަމްޕު އަށް ވަނީ ގޯލް ޖަހަން ރަގަނޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

މި ނަތީޖާއާއެކު އޭދަފުއްޓަށް ވަނީ 3 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ. މި މުބާރާތުގައި މި ދެ ޓީމް އަދި އެއް މެޗް ކުޅޭނެއެވެ. މި މެޗް އޮންނާނީ ބުދަ ދުވަހު ހަވީރުއެވެ.

މި މުބާރާތުގައި މާދަމާ އޮންނަ މެޗްގައި ބައްދަލުކުރާނީ ގޮއިދޫ އާއި ކުޑަރިކިލެެވެ. މި މެޗް ފަށާނީ މާދަމާ ހަވީރު 15:50 ގައެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.