“ގިނިހިލައިގެ ވާރޭ”އެއް އަންނަ ހަފުތާގައި ދުނިޔެއަށް ފެންނާނެ

geminid-meteor-shower

“ޖެމިނިޑް”ގެ ނަމުން ނަން ދީފައިވާ “ގިނިހިލައިގެ ވާރޭ”އެއް އަންނަ ހަފުތާގައި ދުނިޔެއަށް ފެންނާނެ ކަމަށް ފަލަކީ އިލްމްވެރިން ވިދާޅުވެއްޖެއެވެ.

“ގިނިހިލައިގެ ވާރޭ” އަކީ ފަޒާގައި އެނބުރޭ ގާބުރި (އެސްޓްރޮއިޑް) އަދި ދުންތަރި (ކޮމެޓް) ފަދަ ތަކެތި ހިމެނޭ ސަރަހައްދަކަށް، ދުނިޔެ ދައުރު ކުރުމުގައި ވަދެވުމުން، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް އެ އެއްޗެހީގެ އެތިކޮޅުތައް ވަދެ، އަނދައިގެންދާ މަންޒަރެވެ. އެހެންކަމުން، ބަލާ މީހަކަށް ހީވާނީ އަލިފާން ކަނިތަކެއް ދުނިޔެއަށް ވެހޭ ހެންނެވެ.

ޖެމިނިޑް ގިނިހިލައިގެ ވާރޭއަކީ އެސްޓްރޮއިޑްއެއްގެ އެތިކޮޅުތައް އަނދައިގެންދާ މަންޒަރު ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެއެވެ. އަދި އެންމެ ރަނގަޅަށް ފެންނާނެ ކަމަށް ވަނީ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރެއާއި، ޑިސެމްބަރު 14 ވަނަ ދުވަހުގެ ފަތިހުއެވެ.

“ހަގީގަތުގައި ޖެމިނިޑް ގިނިހިލައިގެ ވާރޭ ފެށީ މި އާދީއްތަ ދުވަހު. އެކަމަކު އެންމެ ރަނގަޅަށް ފެންނަން ފަށާނީ ޑިސެމްބަރު 13 އާއި 16 އާ ދެމެދު،” އެމެރިކާގެ ނިއު ޖާޒީގެ ފަލަކީ އިލްމާ ބެހޭ ޖަމިއްޔާގެ ރައީސް ޖިމް ރޮސެއްލީ ވިދާޅުވިއެވެ.

މި ކަންތައް މި ފަހަރު މި ދިމާވަނީ “ސުޕަމޫން” ނުވަތަ ހަނދު އޭގެ ޒާތުގައި އެނބުރެމުން ދާއިރު ދުނިޔެއާ އެންމެ ކައިރިވާ ދުވަހުއެވެ. އެހެންކަމުން، ހަނދު މާބޮޑު ކަމަށް ދައްކާނެއެވެ. އަދި މިހެންވެ، ފަލަކީ އިލްމްވެރިން ވިދާޅުވަނީ “ޖެމިނިޑް ގިނިހިލައިގެ ވާރޭ” އެންމެ ރީއްޗަށް ފެންނާނީ ހަނދު އަރާފައި ހުންނަ ދިމާ ނޫން އަނެއް ދިމާއިން ކަމަށެވެ.

“މިއީ އަހަރަކު އެއް ފަހަރު އެންމެ ޔަގީން ކަމާއެކު ފެންނަ ގިނިހިލައިގެ ވާރޭ. ސަބަބަކީ އިރާކޮޅު ވެސް ފެންނާނެތީ،” ޖިމް ވިދާޅުވިއެވެ.

މި މަހުގެ ސާދަ ވިލޭރޭގެ ހަނދު އަރަން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު ހަވީރު 4.41 ގައެވެ. އެހެންކަމުން ހަނދު އެރުމުގެ ކުރިން އެ ދިމާއިން ވެސް “ޖެމިނިޑް ގިނިހިލައިގެ ވާރޭ” ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނދު ބަލާ ދުވަހެއްގައި “ޖެމިނިޑް ގިނިހިލައިގެ ވާރޭ” ދިމާވެއްޖެ ނަމަ، ގަޑިއަކު 60 އާއި 100 ހިލަކޮޅު ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް އަނދައިގެންދާ މަންޒަރު ފެންނާނެ ކަމަށް، މީޓިއޯ ވޮޗް ޖަމިއްޔާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.