ދިރާގުން އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ދެނީ

130939_3_2792f84f39e2ed1e67eb5b7328bd5e2e5db3c20b_medium

އަންނަ އަހަރު ނިމުމުގެ ކުރިން މުޅިރާއްޖެއަށް 4ޖީ ގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށާއި، މިހާރު ވެސް ދިރާގުން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް އެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. 4ޖީގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެެނިހެން އާލާތްތައް ހޯދުމަށް ދިރާގުން ދެ ކުންފުންޏަކާ އެކު އެއްވުމަކަށް އައިސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ 4ޖީ އެލްޓީއީގެ ހިދުމަތް ގާއިމްކުރެވުމުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް އެތައްގުނައެއް ހަލުއިވެ ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ބޮޑެތި އިންވެސްޓުމެންޓުތައް ކުރުމުގެ މަގުސަދަކީ ދިވެހިންގެ ދިރިއުޅުމާ ގުޅުން ހުރި ކަންކަމަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ފުރިހަމަކަން ގެނެސްދިނުން ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އަމާޒަކީ އެންމެ ފުރިހަމަ ބްރޯޑްބޭންޑްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށާއި، އާބާދީ މަދު ރަށްރަށަށް ވެސް މާލެއެކޭ އެއްފަދައިން ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

“އާބާދީގެ ގޮތުން ކިތަންމެ މީސްކޮޅު ކުޑަރަށެއް ނަމަވެސް މާލެއެކޭ އެއްފަދައިން އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމެއް ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި، ސިނާއި މަސައްކަތްކުރާ ރަށްރަށާއި، ރިސޯޓުތަކާއި އަދިވެސް އިންޓަނެޓުގެ ހިދުމަތް ބޭނުންވާ ސަރަހައްދުތަކަށް ދިރާގުގެ އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް،” އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން 4ޖީގެ ހިދުމަތް މިހާރުވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ. ހިއްނަވަރު، ރ.ދުވާފަރު، ލ. މަތިމަރަދޫ، ލ. ތުންޑި، ނ. ވެލިދޫގެ އިތުރުން ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްފަ އެވެ.

ދިރާގު 4ޖީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، 2015 ވަނަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.