ގަދަފަދަ އޭދަފުށި ބަލިކޮށް ފެހެންދޫ ފައިނަލަށް

މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު އޭދަފުށީގައި ކުރިއަށްދާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދާދިފަހުން ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޕެނަލްޓީ ޖަހައިގެން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ފެހެންދޫން ހޯދައިފިއެވެ. މިއަދުގެ މެޗު ފެހެންދޫ ކާމިޔާބު ކުރީ މެޗު ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އޭދަފުށިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އަޒްމީން އަބްދުއް ސައްތާރު އަދި ހަމްޒާ މުޙައްމަދު (ހަމްޕު) ގެ ޕެނަލްޓީއެވެ. ޕެނަލްޓީ ވައްދާނުލެވުނީ ޓީމުގެ އެންމެ އިތުބާރު ދެކުޅުންތެރިން ކަމަށްވާ މުޙައްމަދު ފާސިރު އަދި ޢަލީ ފާސިރު (ސެންޓޭ) އަށެވެ. މުޙައްމަދު ފާސިރު ޖެހި ޕެނަލްޓީ ފެހެންދޫގެ އުމުރުން 18 އަހަރުގެ އިބްރާހީމް ޒަޔާން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އޭދަފުށިން ޖެހި ފަހު ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން ދިޔައީ ގޯލުގެ ތިރީ ކަނާ ދިމާލުން ބޭރަށެވެ. ފެހެންދޫން ވަނީ އެޓީމުން ޖެހި 4 ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. ފެހެންދޫގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޙުސައިން ޝިފާޢު އާއި އަޙްމަދު ޝާންގެ އިތުރުން އަޙްމަދު ނިޒާމް (ނިޒާމްބެ) އަދި މުޙައްމަދު ރަޝީދު (ހޮކޭ) އެވެ.

މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މުޅި މެޗުގައިވެސް މޮޅަށް ކުޅެ އޭދަފުށިން ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ސެންޓޭ އަދި ހަމްޕުވެސް ހިމަނައިގެން ވަރުގަދަ ސްކޮޑަކާއި އެކު މިފަހަރުގެ މުބާރާތަށް ނުކުތް އޭދަފުށީގެ ހަމަލާތައް ހިފެހެއްޓުމުގައި ފެހެންދޫގެ ޒުވާން ގޯލްކީޕަރ ޒަޔާން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ނަމަވެސް މެޗުގައި ފެހެންދޫއަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.

މެޗަށްފަހު “އީޓީ” އާއި ވާހަކަ ދައްކަމުން ފެހެންދޫގެ ކޯޗު އިސްމާޢީލް އަނިލް ބުނީ، ވަރުގަދަ އޭދަފުށި ބަލިކުރެވުނީ ހުރިހާ ކުޅުންތެރިން 200 ޕަސެންޓު ދީގެންކަމަށެވެ.

މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

” މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރުގަދަ ސްކޮޑެއް އޮތް އޭދަފުށި ބަލިކުރެވުނީ މުޅި ޓީމުގެ މޯޓިވޭޝަން ވަރަށް ރަގަޅު ވެގެން. ހުރިހާ ކުޅުންތެރިން ކައިރީވެސް ބުނިން މިއީ 200 ޕަސެންޓު ދޭންޖެހޭ މެޗެކޭ. ކުޅުންތެރިން އެކަށް ސާބިތުކޮށްދީފި. މިއީ ތަށި ލިބުންކަހަލަ ކަމެއް. އެކަމު އަދި އެއް މެޗު އެބައޮތް. ޓާގެޓަކީ ޗެމްޕިއަންކަން މިފަހަރުވެސް ހޯދުން ” މިދިޔަ އަހަރުވެސް ފެހެންދޫއަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިން ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބުންޏެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް ބީ ގެ އެއްވަނަ ގޮއިދޫ އާއި ގްރޫޕް އޭ ގެ ދެވަނަ ކިހާދޫ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.