ބ. ހިތާދޫ އައިލެންޑް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ހިދާ ޖަމިއްޔާ) އިން އެރަށުގައި ތަރައްގީ ކުރި ކުޑަކުދިންގެ ޕާކު “ހޭލަމޭލަ” ހުޅުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު ޕާކް ހުޅުވައިދެއްވީ ހިދާ ޖަމިއްޔާގެ ރައީސް އަބްދުއްރަޝީދުއާއި ނާއިބު ރައީސެވެ.
ހިދާ ޖަމިއްޔާއިން ބުނިގޮތުގައި މި ޕާކު ތަރައްގީ ކުރުމަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މި މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވެދެއްވި އެހީތެރިކަން އެ ޖަމިއްޔާއިން ފާހަގަ ކުރި އެވެ.
ހިތާދޫ ބަނދަރު ސަރަހައްދުގައި ހުޅުވި މި ޕާކަކީ ކުޑަކުދިންނަށް ކުޅެ ހިތް އުފާކޮށްލެވޭ ގޮތައް ހަދާފައިވާ ޕާކެކެވެ. އެތަނުގައި ތުއްތު ކުދިން ކުޅޭނެ ސާމާނާއި އެކުދިންގެ ބެލެނިވެރިންނަށް އިށީންދެލައިގެން ތިބެވޭނެ ގޮތް ހަދާފައިވެ އެވެ.