އަވައްޓެރި ދެރަށުން ވާދަވެރި ފައިނަލަކަށް

ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރާ ފައިނަލް މެޗަކީ ހާއްސަ މެޗެކެވެ.

އެއްފަޅެއްގައި އޮންނަ މި ދެރަށަކީ އެއްބައެއްގެ ގޮތުގައި އުޅޭ އެކުވެރި ދެރަށެވެ. އެހެންނަމަވެސް މިދިޔަ އަހަރާ ހިލާފަށް މިފަހަރުގެ ވާދަވެރިވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. “ފަޅެތެރެ” އަށް ނިސްބަތްވާ މި ދެރަށުން މިފަހަރުވެސް ނިކުންނާނީ އަތޮޅު ޗެމްޕިއަންކަން ހޯދުމަށެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ފެހެންދޫއަށް މި މެޗު ހުރިހާ ގޮތަކުންވެސް ހާއްސަވެއެވެ. އަތޮޅުގެ އެންމެ ކުޑަ އާބާދީގެ އިތުރުން ފެހެންދޫއަކީ ރާއްޖޭގެ ނިސްބަތުންވެސް އާބާދީގެ ގޮތުން އެންމެ ކުޑަ އެއްރަށެވެ. އެކަމަކު ފުޓްބޯޅައިގެ ހުނަރަށް ބަލާއިރު ފެހެންދޫއަކީ ނިސްބަތުން މޮޅެތި ކުޅުންތެރިން ތިބި ރަށެކެވެ. އޭގެ ހެއްކަކީ ފުރަތަމަށް ފަހަރަށް އަތޮޅު ޗެމްޕިއަންކަމުގެ ތާޖު މިދިޔަ އަހަރު އެރަށުން ހޯދުމެވެ. އެ ނަތީޖާ ތަކުރާރުކޮށް ކުރުމަށް މިފަހަރުވެސް އެޓީމު ވާދަކުރަން މިޖެހެނީ ގޮއިދޫއާއެވެ. ގިނަ ޚިދުމަތްތަކެއް ހޯދަން ކޮންމެ ދުވަހަކު ފެހެންދޫ ރައްޔިތުން ދަތުރުކުރާ ގޮއިދޫ އަކީ އަތޮޅު ފުޓްބޯޅައިގައި އެންމެ ވަރުގަދަ އެއްރަށެވެ. ނަމަވެސް ފެހެންދޫން މިއަދުގެ މެޗަށް ނިކުންނާނީ ގޮއިދޫ ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ލިސްޓަށް އެރަށުގެ ނަން އެރުވުމަށެވެ. އެ ކާމިޔާބީއަށް އިންތިޒާރުކުރަން އެރަށުން ފުރުސަތު ހޯދީ ސެމީގައި ވަރުގަފަ އޭދަފުށި ވެސް ބަލިކޮށްފައެވެ. ކުޅުނު ތިން މެޗުގައި ފެހެންދޫއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ނަމަވެސް ޑިފެންސަށް ބަލާއިރު އެޓީމަކީ އިދިކޮޅު ޓީމުތައް ހުއްޓުވުމުގައި ކުޅަދާނަ ޓިމެކެވެ.

ކޮންމެ އަހަރުކުވެސް އެޓޯލް ޗެލެންޖަށް ދުރާލާ ތައްޔާރުވާ ގޮއިދޫއަކީ މި މުބާރާތް މިހާތަނަށް ދެފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. ގޮއިދޫއަށް މުބާރާތުގެ ފައިނަލަށް ދަތުރު ނުކުރެވުނީ 2013 ވަނަ އަހަރު އެކަންޏެވެ. މިހާތަނަށް ކުޅުނު ތިން ފައިނަލުގެ ތެރެއިން ގޮއިދޫ ވަނީ ދެ ފައިނަލް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ފައިނަލުގައި ބަލިވުމުން މިފަހަރުގެ މުބާރާތަށް ގޮއިދޫ ކުރިމަތިލީ ބިދޭސީ ދެކުޅުންތެރިންނާއި އޭދަފުށީގެ ސީނިއާ ދެ ކުޅުންތެރިން ހިމަނައިގެން ވަރުގަދަ ސްކޮޑަކާއި އެކުއެވެ. މި މުބާރާތުގައި އެޓީމުން މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ގޮއިދޫއަކީ ތަށި ނުނެގޭނެ ވަރުގެ ޓީމެއް ނޫންކަން ވަނީ ސާބިތުކޮށްދީފައެވެ. އެ ޓީމުން މިހާތަނަށް މުބާރާތުގައި ކުޅުނު ތިންމެޗުގައި ހަތްގޯލު ޖަހާފައި ވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެހެންނަމަވެސް ފެހެންދޫއަކީ ދޫ ނުދޭނެ ޓީމެއްކަން އެޓީމުން ވަނީ ސެމީ ފައިނަލް މެޗުގައި ދައްކައިދީފަ އެވެ.

ކޮންމެއަކަސް އެކުވެރި ދެރަށުން މި ނިކުންނަނީ ވަރުގަދަ މެޗަކަށެވެ. ސަޕޯޓަރުންގެ ފޯރިއާއިއެކު މިއަދަކީވެސް އަތޮޅު ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ދުވަހަކަށް ވާނެކަން ޔަގީނެވެ.

މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.