ދިރާގުން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތްދޭން ދެ ކުންފުންޏަކާއެކު ސޮއިކޮށްފި

ނޮކިޔާ އަދި ހުއާވޭއާއެކު ދިރާގުން އެއްބަސްވުމުގައި ސޮއިކުރަނީ --
ނޮކިޔާ އަދި ހުއާވޭއާއެކު ދިރާގުން އެއްބަސްވުމުގައި ސޮއިކުރަނީ —

އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށްދޭން ނޮކިޔާ އާއި ހުއާވޭއާ އެކު ދިރާގުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ދާއިރާގެ ތަޖުރިބާކާރު ދެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާއެކު، ދިރާގުން 4ޖީގެ ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް މި ދެ ކުންފުނިން ފޯރުކޮށްދޭނެ އެވެ.

ނޮކިޔާއަކީ މަޝްހޫރު ފޯނު އުފައްދާ ކުންފުންޏަކަށް ވާއިރު، ހުއާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކްތައް ގާއިމް ކުރަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އަދި މުވާސަލާތީ އިންފްރާސްޓްރަކްޗާ އާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ދުނިޔޭގެ ބާޒާރަށް ނެރުމުގެ އިތުރުން، އޮޕަރޭޝަނަލް އަދި ކޮންސަލްޓެންސީ ހިދުމަތްވެސް ފުޅާ ދާއިރާއެއްގައި އެ ކުންފުނިން ދެމުންދެއެވެ.

“މިފަދަ ތަޖުރިބާކާރު އަދި އެންމެ ފަހުގެ ޒަމާނީ އުސޫލުތަކުގެ މަތިން ހިދުމަތް ފޯރުކޮށްދޭ ދެކުންފުންޏަކާއި އެކު ސޮއިކުރުން ރަމްޒުކޮށްދެނީ ދިރާގުން ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ދޭ އިސްކަމެވެ،” ދިރާގުން ބުންޏެވެ.

އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވެސް ދެމުން އަންނަ ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި މަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް ނިންމޭނެ އެވެ. އެއިރުން، ރަށްރަށުގައި ވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް މިހާރަށް ވުރެ އެތައް ގުނައެއް ހަލުވިވެ، ފުރިހަމަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ރަށަރަށަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިންނަވަރު، ރ. ދުވާފަރު، ލ. މަތިމަރަދޫ، ލ. ތުނޑި، ނ. ވެލިދޫ، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި ދިރާގުން ވަނީ 4ޖީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް ވަނީ ދީފަ އެވެ. އެހެންވެ، ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކެވެ.

މީގެ އިތުރުން، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ވެސް ދެމުންނެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ ޒަމާނީ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ވެސް ގާއިމްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.