މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގަދަ ފަހެއްގައި ސެންޓޭ

ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ-- ފޮޓޯ / މިހާރު އޮންލައިން
ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ– ފޮޓޯ / މިހާރު އޮންލައިން

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ބ. އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ހިމެނިއްޖެ އެވެ.

މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން މި އަހަރު ދޭން ނިންމާފައިވާ އެވޯޑެކެވެ.

ސެންޓޭ ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި 34 ލަނޑު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ރަން ބޫޓުވެސް ކަށަވަރުކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މި އަހަރު ޓީސީ އަށް ބަދަލުވި ސެންޓޭ ވަނީ އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ގަދަ ފަހެއް.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ގަދަ ފަހެއް.

ސެންޓޭ އިތުރުން މޮޅު ކުޅުންތެރިޔާގެ މަގާމަށް ދެން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަލީ އަޝްފާގް (ދަގަނޑޭ)، ކްލަބް އީގަލްސްގެ މުހައްމަދު އިމްރާން އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އިން ބުނިގޮތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝޯޓް ލިސްޓު ކޮށްފައިވާ މި ފަސް ކުޅުންތެރިންގެ ތެރެއިން މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު ހޮވުމަށްޓަކައި ވޯޓު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މޮޅު ކޯޗު ހޮވާ ފުރަތަމަ ފަހަރެވެ.

މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރެ އެވެ. އެ ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.