އެފްއޭއެމްގެ ސަމާލުކަން އަތޮޅުތަކުގެ ފުޓުބޯޅައަށް

އޭދަފުށީ ޓީމުގެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ– ފޮޓޯ / މިހާރު
އޭދަފުށީ ޓީމުގެ ކުޅުންތެރިން މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ– ފޮޓޯ / މިހާރު

އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު މި ފެށޭ ހަފްތާގައި އިއުލާންކުރަން ނިންމާފައިވާއިރު، އަތޮޅުތަކުގެ ބައިވެރިވުން ފުޓްބޯޅައިގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް “މިހާރު” ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ އަތޮޅުތަކުގެ ޓީމުތަކުގެ ބައިވެރިވުން ފުޓްބޯޅައިގައި އިތުރުކުރުމަށް އެކިގޮތްގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

“ކަލަންޑަރު އެކުލަވާލާއިރު ވަރަށް ބޮޑެތި ބަދަލުތަކެއް ފުޓްބޯޅައިން ފެންނާނެ. އެއީ ވީހާވެސް ގިނަ ގޮތްގޮތަށް ބެލުމަށް ފަހު އަތޮޅުތަކުގެ ބައިވެރިވުން އިތުރު ކުރުމުގެ ވިސްނުން ހުރީ. އަންނަ ހަފްތާގައި ކަލަންޑަރު އެކުލަވާލާއިރު މި ބަދަލުތައް ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު،” ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ވިސްނުމަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވެސް އަތޮޅުތަކުގެ ބައިވެރިވުން ކުރިއަށް ވުރެން އިތުރު ކުރުމާއި، މި ގޮތުން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމާއި އަތޮޅުތަކުގެ ހަތަރު ޓީމަށް ވާދަކުރެވޭ ގޮތަށް ފޯމެޓް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެއެވެ.

އަތޮޅުތަކުން ޕްރިމިއާ ލީގަށް ހަތަރު ޓީމެއް ހޮވޭނީ މިނިވަން ޗެމްޕިއަންޝިޕުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

ޕްރިމިއާ ލީގަށް ފުރަތަމަ ޑިވިޝަނުން އަންނަ ހަތަރު ޓީމު ކަނޑައަޅާނީ މިހާރު ފުރަތަމަ ޑިވިޝަންގައި ކުޅޭ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުންނެވެ. އެ ލީގުގެ އަނެއް ހަތަރު ޓީމު ދާނީ ދިވެހި ލީގަށެވެ. އެ ހަތަރު ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕާ އެކު ދިވެހި ލީގު ކުޅޭށެވެ. އެތަނުން ހަތަރު ޓީމަކަށް ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ލިބޭނެ އެވެ.

އަތޮޅުތަކަށް ނިސްބަތްވާ ޓީމުތައް އެންމެ ފަހުން ފުރަތަމަ ޑިވިޝަންގައި ވާދަކުރީ ކުރިން އޮތް މާލޭ ލީގުގަ އެވެ. އޭރު ފުރުސަތު ދިނީ އަތޮޅުތަކުގެ ދެ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ހަ ޓީމަށެވެ. އެހެންވެ އެފްއޭއެމްގެ މިހާރު ހުރި ވިސްނުމާ އެއްގޮތަށް ބަދަލު ގެނެސްފި ނަމަ އަތޮޅުތަކުގެ ޓީމުތަކުގެ ބައިވެރިވުން ރާއްޖޭގެ މަތީ ފަންތީގެ ފުޓްބޯޅައިގައި ކުރިއަށް ވުރެން ބޮޑުވާނެ އެވެ.

އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބައްސާމް ވަނީ އަތޮޅުތަކުގެ ފުޓްބޯޅަ އަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަަށް ވިދާޅުވެފަ އެވެ. މިގޮތުން އަތޮޅުތަކުގެ ފުޓްބޯޅައިގެ ތަރައްގީ އަށް އަހަރަކު 15 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފީފާއާ ގުޅިގެން ރާއްޖެ ތެރޭގެ ފުޓްބޯޅައިގެ ތަރައްގީ އަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ވެސް ބައްސާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.