ސެންޓޭ އެނބުރި ނިއުއަށް

ނިމިދިޔަ ސީޒަންގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗެއްގައި ސެންޓޭ ބޯޅަ ކުރިޔަށް ފޮނުވާލަން މަސައްކަތް ކުރަނީ |ފޮޓޯ: ސަން އޮންލައިން
ނިމިދިޔަ ސީޒަންގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗެއްގައި ސެންޓޭ ބޯޅަ ކުރިޔަށް ފޮނުވާލަން މަސައްކަތް ކުރަނީ |ފޮޓޯ: ސަން އޮންލައިން

އިތުބާރު ފޯވާޑް ޢަލީ ފާސިރު (ސެންޓޭ) އަންނަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅެން ނިންމައިފިއެވެ. އޭދަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ ނިއުއަށް ކުޅެން އެއްބަސްވެފައިވާކަން އިތުބާރު ހުރި ފަރާތަކުން “އީޓީ” އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސެންޓޭ ނިއުއާއިއެކު ރަސްމީކޮށް އެއްބަސްވުމަކަށް އަންނާނީ މިއަދު ހަވީރު ސޯލްޓް ރެސްޓޯރެންޓްގައި ބާއްވާ ރަސްމިއްޔާތެއް ގައެވެ.

އަންނަ ސީޒަނަށް ނިއު ރޭޑިއަންޓް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި އެޓީމުން ދަނީ ހޯދަމުންނެވެ. ސެންޓޭ އަކީ އެޓީމުން ބޭނުންވި އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭ ވަނީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން 34 ލަނޑާއި އެކު މިއަހަރުގެ ރަންބޫޓުވެސް ކަށަވަރު ކޮށްފައެވެ. ޓީސީއަށް 33 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އޭޝިއަން ކަޕް ގްރޫޕް ސްޓޭޖްގެ ޕްލޭ އޮފްގައި ލާއޯސް ކޮޅަށް މުހިއްމު ގޯލެއް ސެންޓޭ ވަނީ ކާމިޔާބުކޮށްދީފައެވެ. ޓީސީއާއިއެކު ތައްޓެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެވަނަ އެ ކްލަބުން ކާމިޔާބު ކުރި އިރު އެންމެ މުހިއްމު ކުޅުންތެރިޔަކީ ސެންޓޭ އެވެ.

މިއަހަރު ދެއްކި މޮޅު ކުޅުމާއިއެކު ސެންޓޭ ވެފައިވަނީ މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި އެންމެ ޑިމާންޑު ބޮޑު ކުޅުންތެރިޔާއަށެވެ.

އެންމެ ފަހުން ސެންޓޭ ނިއުއަށް ކުޅުނީ 2015 ވަނަ އަހަރުއެވެ. ނިއުގައި ސެންޓޭވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެގެން ސީޒަނުގެ ހުރިހާ މުބާރާތެއް ނިއުއިން ކާމިޔާބުކުރި އިރު ސެންޓޭ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. މީގެ އިތުރުން 2014 ވަނަ އޭނާ ވަނީ 26 ގޯލްޖަހައި ނިއުއާއިއެކު ލީގު އަދި ޤައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ. ޤައުމީ މުބާރާތް ނިއުއަށް މިލްކު ކޮށްދިން ހަމައެކަނި ގޯލުވެސް އެއަހަރު ޖަހައިދީފައިވަނީ ސެންޓޭއެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ރާއްޖޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ސެންޓޭ ހޯދީ ނިއުގައި ހުރެގެންނެވެ. ސެންޓޭއާއި އެކު ކީޕަރު އިމްރާން މުޙައްމަދު ވެސް ނިއުއަށް ކުޅެން ވަނީ އެއްބަސްވެފައެވެ.

ސެންޓޭއަކީ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ލޯބި ލިބިފައިވާ އެ ކްލަބުން އަބަދުވެސް ބޭނުންވާ ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.