އަތޮޅުގެ ރަށްތަކަށް ދައުވަތުދީގެން ދޮންފަނުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

eyd-football-8

ބ. އަތޮޅުގެ ބައެއް ރަށްތަކަށް ދައުވަތުދީގެން “ދޮންފަނު އިންވިޓޭޝަން ކަޕް” ގެ ނަމުގައި ތޭވީސް އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ދޮންފަނު ޒުވާނުން އިސްނަގައިގެން ބާއްވާ މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 23 އިން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދޮންފަނުގަ އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ދޮންފަން، ދަރަވަންދޫ، މާޅޮސް އަދި ކިހާދޫންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ދޮންފަނު އަދި ކިހާދޫ އެވެ.

މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅޭގޮތަށެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ފައިނަލް ފުރަތަމަ ޖާގަ ލިބޭނެ އެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެ ވަނަ އަދި ތިންވަނައަށް ދާ ޓީމުގެ ތެރެއިން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގައި ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ޒުވާނުންގެ ގްރޫޕުން ބުނީ މިފަހަރު ދައުވަތު ދިނީ އެ ރަށްތަކަށް ކަމަށާއި، އަންނަ އަހަރު އިތުރު ރަށްތަކަށް ދައުވަތުދީ މުބާރާތް ފުޅާ ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

“މިފަހަރު ދައުވަތު ދިނީ މަދު ރަށްތަކަކަށް. އެކަމު މުބާރާތް ކުރިއަށް ދާގޮތެއް ބަލާފަ އިތުރަށް ފުޅާކުރާނަން. މި މުބާރާތުގެ ސަބަބުން ޒުވާން ކުދިން ފުޓްބޯޅައަށް ނެރެވޭނެ. އަދި އެޓޯލް ޗެލެންޖު ފަދަ މުބާރާތްތަކުގައި މި ޒުވާން ކުޅުންތެރިންގެ ހުނަރު ފެންނާނެ ކަމަށް ޤަބޫލުކުރެވޭ. މި މުބާރާތުގައި ކުޅޭނީ އެރަށެއްގެ ކުޅުންތެރިން. އެހެންވީމަ ރަށުގައި ތިބޭ ޒުވާން ކުދިންނަށް ފުރުސަތު ލިބިގެންދާނެ،”

މިއީ އަތޮޅުގެ ރަށްތަކަށް ދައުވަތުދީގެން އޭދަފުށި ނޫން ރަށެއްގައި މިފަދަ މުބާރާތެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކުރިއަށްދާގޮތް “އީޓީ” ގެ ފަރާތުން ކިއުންތެރިންނަށް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.