މަގު ހެދުމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދެ މަސް ފަހުން އަލުން ފަށައިފި

މަގު ހެދުމުގެ މަސައްކަތް މެދު ކެނޑުމަކަށް ފަހު އަލުން މިއަދު މަސައްކަތް ފަށައިގެން ކުރިޔަށްދަނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މަގު ހެދުމުގެ މަސައްކަތް މެދު ކެނޑުމަކަށް ފަހު އަލުން މިއަދު މަސައްކަތް ފަށައިގެން ކުރިޔަށްދަނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިމަޑުޖެހިފައި އޮންނަތާ ދެ މަސް ފަހުން އަލުން ފަށައިފި އެވެ.

ތާރު އަޅައިގެން އޭދަފުށީގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މި ރަށުގެ 15 މަގެއްގައި ތާރު އެޅުމަށް ސަރުކާރުން ހަވާލުކުރީ 33 މިލިއަން ރުފިޔާއަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ އެވެ.

އޭދަފުށީ ކައުންސިލު މެންބަރަކު ވިދާޅުވީ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއްފަހުން އަލުން އިއްޔެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި އިއްޔެ ވަނީ ހޮޅި ލައިންތައް ވަޅުލުމުގެ މަސައްކަތް ފަށާފަ އެވެ.

އެމްއާރުޑީސީން ކުރިން ބުނި ގޮތުގައި، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި ފުރަތަމަ އޮންނާނީ މަގުތަކުގެ އަރިމަތީ ކާނުތައް ހެދުމާއި ކޭބަލްތަކާއި ހޮޅިތައް ވަޅުލުން ފަދަ އެންމެ ބުރަ މަސައްކަތްތަކެވެ. މަގުތަކުގައި ތާރު އަޅާނީ އެއަށްފަހު އެވެ.

މި މަސައްކަތް ފެށިތަނާ ދެ ހަފްތާއެއްހާ ފަހުން މަސައްކަތުގެ ސްޕީޑްދަށްވެ މަސައްކަތް ވަނީ ވަރަށްބޮޑަށް މަޑުޖެހިފަ އެވެ. މަސައްކަތް މަޑުޖެހުމުގެ ކުރިން ބައެއް ކާނުތައް ވަޅުލާފައިވަނީ ހަމައެކަނި ބަނދަރު ސަރައްދުގަ އެކަންޏެވެ. އޭގެ ފަހުން ސައިޓްގައި ޖަންގްޝަން ބްލޮކް އެޅުމުގެ މަސައްކަތް ދިޔައި ކޯންމެވެސް ވަރަކަށް ކުރަމުންނެވެ.

މިދިޔަ ސެޕްޓެމްބަރުމަހު 30 ގައި ފެށި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ އެއް އަހަރެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނަމަ، އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއާރުޑީސީން ކުރިން ވަނީ ބުނެފަ އެވެ.

އަތޮޅުގެ ގިނަ ބަޔަކު ތަފާތު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކުރާ މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް ރަށު ކައުންސިލުން ބުންޏެވެ. އަދި މި ރަށަކީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއްކަމުން މަގުތައް ހެދުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި މަޝްރޫރުގެ ދަށުން ތާރު އަޅައިގެން އޭދަފުށީގައި 3.36 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފަ ހުންނާނެ ކަމަށް އެމްއާރުޑީސީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.