މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ފޮޓޯ: ބ. މާޅޮހުގެ މަތިން ނަގާފައިވާ ފޮޓޯ އެއް. އެރަށުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ކުރާނެ ބަޔަކު ހޯދަން ވަނީ ބީލަމަށްލާފައި. ޑްރޯން ފޮޓޯ / ރާއިފް ޔޫސުފް
ފޮޓޯ: ބ. މާޅޮހުގެ މަތިން ނަގާފައިވާ ފޮޓޯ އެއް. އެރަށުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ކުރާނެ ބަޔަކު ހޯދަން ވަނީ ބީލަމަށްލާފައި. ޑްރޯން ފޮޓޯ / ރާއިފް ޔޫސުފް

ބ. މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު “އީޓީ” އާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ރަށު އިރު ދެކުނު ސަރަހައްދު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ބަޔަކު ހޯދަން މިހާރު ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ބީލަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޅޮހު ކައުންސިލުން ބުނި ގޮތުގައި ބީލަން ފޮތް އަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އެ ކައުންސިލުން ލިބޭނެ އެވެ. އަދި ޕްރީބިޑް މީޓިން ޖެނުއަރީ 16 ވަނަ ދުވަހުގެ މެންދުރު 1:00 ގައި މާޅޮހު ކައުންސިލު އިދާރާގައި އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ހޮޓަލެއް އަޅަން އެ ސަރަހައްދުން 2483 އަކަފޫޓުގެ ދެ ބިމެއް 50 އަހަރަށް ދޭން ނިންމާފައިވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.

މާޅޮހު ކައުންސިލުގެ ރައީސް ވިދާޅުވީ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުން އެ ރަށަށް ތަރައްގީގެ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ. އެގޮތުން އިގްތިސާދީ މަސައްކަތްތައް ފުޅާވެ، އެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބި ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ދަރަވަންދޫ އެއާޕޯޓް އެރަށާ ކައިރީގައި އޮތުމާއެކު މާޅޮހުގައި މިހާރުވެސް ގެސްޓްހައުސްގެ ވިޔަފާރިވެސް ކުރާތީ އެ ރަށުގައި ކާމިޔާބުކަމާ އެކު ޓޫރިޒަމް ވިޔަފާރިކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި ކަމަށެވެ.

މާޅޮހުގައި ސިޓީ ހޮޓަލެއް އަޅަން ސަރުކާރާ އެކު އެރަށު ކައުންސިލުން އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.