ގޮއިދޫން އެ ދައްކުވައިދެނީ ދެ ޖިންސުގެ ހަމަހަމަކަން: ޔޫއެސް އެމްބަސީ

ލައްޓީ ބާނައިގެން އައި ގޮއިދޫ އަންހެނުންތަކެއް. ފޮޓޯ / އީޥީ
ލައްޓީ ބާނައިގެން އައި ގޮއިދޫ އަންހެނުންތަކެއް. ފޮޓޯ / އީޥީ

ބ. އަތޮޅުގެ ގޮއިދޫން މުޅި ރާއްޖެ އަށް އެ ދައްކުވައިދެނީ ދެ ޖިންސުގެ ހަމަހަމަކަމުގެ ލާމަސީލު މިސާލެއް ކަމަށް ޔޫއެސް އެމްބަސީން ބުނެފި އެވެ.

ޔޫއެސް އެމްބަސީގެ ފޭސްބުކް ޕޭޖުގައި މިދިޔަ ހުކުރު ދުވަހު އާއްމު ކޮށްފައިވާ ޕޯސްޓެއްގައި ބުނި ގޮތުގައި ގޮއިދޫން ވަނީ ދެ ޖިންސުގެ އެތްލީޓުންނާއި ވޮލީ ބޯޅަ އާއި ފުޓްބޯޅައިގައި ކުރިއަރަމުން ރަންވަނަ ހޯދަމުންދާ ކުޅުންތެރިން އުފައްދާފަ އެވެ. އަދި ކުރިމަގުގައި ސްކޭޓް ކުރުމަކީ އެ ރަށުގައި ވިދާލާނެ ހުނަރެއްކަމުގައި ބެލެވޭ ކަމަށްވެސް ޔޫއެސް އެމްބަސީން ބުންޏެވެ.

“ބ. ގޮއިދޫ އަކީ 100 އާއިލާ އާއި އެއް ޑޮކްޓަރު އަދި އެއް ސްކޫލް އާއި ހިތްވަރުގަދަ ލީޑަރުންތަކަކާއި އާއިލާތަކެއްގެ މައްޗަށް އެކުލެވިފައިވާ މާލެއިން ކަނޑު ބޯޓަކުން 7 ގަޑިއިރުން ދަތުރުކޮށްފައިދެވޭ ކުޑަ ރަށެކެވެ. މި ކުޑަރަށުން ވަނީ ދެ ޖިންސުގެ އެތްލީޓުންނާއި ވޮލީ ބޯޅަ އާއި ފުޓްބޯޅައިގައި ކުރިއަރަމުން ރަންވަނަ ހޯދަމުންދާ ކުޅުންތެރިން އުފައްދާފަ އެވެ. އަދި ކުރިމަގުގައި ސްކޭޓް ކުރުމަކީ ރަށުގައި ވިދާލާނެ ހުނަރެއްކަމުގައި ބެލެވެއެވެ. މިހާރު އެމީހުން މުޅި ރާއްޖެއަށް އެ ދައްކުވައިދެނީ ދެޖިންސުގެ ހަމަހަމަކަމުގެ ލާމަސީލު މިސާލެކެވެ،” ބ. ގޮއިދޫ އަންހެނުން މަސްވެރިކަން ކުރާ ވާހަކައާ ގުޅޭގޮތުން މިއަދު ނޫހުގައި ލިޔެފައިވާ އިނގެރޭސި އާޓިކަލް އާއެކު ޔޫއެސް އެމްބަސީން ކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވެ އެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރީއްސުރެ ގޮއިދޫ އަންހެނުން މަސްވެރިކަން ކުރެ އެވެ. އެކަމަކު އެއީ ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ގޮނޑުދޮށުންނެވެ. ދޮށި އެއްލައިގެން ނުވަތަ ނަނު ދޫކޮށްގެން ފަރުމަހުގެ މަސްވެރިކަން ކުރަނީ އެ މީހުން މުނިފޫހިފިލުވައި މަޖަލަކަށެވެ. އެކަމަކު ރަށު ކައިރިން ކަނޑުމަތީގައި މަސް ތިޔާގިކަމުން ގޮއިދޫގެ އަންހެނުން މި ބޮޑު ޗުއްޓީގައި ފިރިހެނުންނަށް ދޫކުރުމެއްނެތި ކަނޑުމައްޗަށް ނިކުމެ ހަރަކާތްތެރިވަނީ މަސް ބޭނުމުގަ އެވެ.

ޔޫއެސް އެމްބަސީން ފާހަގަކޮށްފައިވާ ފަދައިން ސްކޭޓް ކުރުމަކީ ކުރިމަގުގައި އެރަށުގައި ދެން އެންމެ ވިދާލާނެ ހުނަރުކަމަށް ބެލެވެ އެވެ. ޔޫއެސް އެބްސީގެ އިސްނެގުމުގެ މަތިން ދާދިފަހުން އެރަށުގައި ވަނީ ސްކޭޓްބޯޑިންގެ ޕްރޮގްރާމް ތަކެއް ހިންގުމަށްޓަކައި އެމެރިކާގެ ތަޖުރިބާކާރަކު އައިސް ގޮއިދޫގައި ސްކޭޓްކުރާ ކުދިންނަށް ސްކޭޓްބޯޑިންގެ ހާއްސަ ތަމްރީން ޕްރޮގްރާމް ތަކެއް ހިންގައިފަ އެވެ.

ގޮއިދޫގައި ކުއްޖަކު ސްކޭޓް ކުރަނީ. މިއީ އެރަށުގައި ދެން އެންމެ ވިދާލާނެ އެއް ކުޅިވަރު
ގޮއިދޫގައި ކުއްޖަކު ސްކޭޓް ކުރަނީ. މިއީ އެރަށުގައި ދެން އެންމެ ވިދާލާނެ އެއް ކުޅިވަރު

މޫދުގައި ކައިޓްސާފިން އަކީ ވެސް އެރަށުގައި މިހާރު ވަރަށް ފޯރިއާއެކު ކުރަމުން އަންނަ ކަމަކެވެ. އެގޮތުން ކައިޓްސާފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިންވެސް އެރަށުން ވިދާލުން އެކަށީގެންވެ އެވެ.

ގޮއިދޫ ކުއްޖަކު ކައިޓް ސާފިންގައި
ގޮއިދޫ ކުއްޖަކު ކައިޓް ސާފިންގައި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.