ހެލިކޮޕްޓަރު ހާދިސާގައި ޒަޚަމްވީ ހިތާދޫ މީހެއް، ހާލު ސީރިއަސް

ހެލިކޮޕްޓަރުގެ ފިޔަގަނޑުންޖެހި  އެއާސްޓެއާ އަށް ގެއްލުންވެފައި. މިހާދިސާގައި ސީރިއަސް އިނޔާތަކެއް ލިބުނީ ބ. އަތޮޅު މީހަކަށް. ފޮޓޯ / މިހާރު
ހެލިކޮޕްޓަރުގެ ފިޔަގަނޑުންޖެހި އެއާސްޓެއާ އަށް ގެއްލުންވެފައި. މިހާދިސާގައި ސީރިއަސް އިނޔާތަކެއް ލިބުނީ ބ. އަތޮޅު މީހަކަށް. ފޮޓޯ / މިހާރު

މަތިންދާބޯޓަށް އަރާ ސިޑި (އެއާސްޓެއާ) އެއްގައި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ހަވީރު ހިނގި ހާދިސާގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.

އެ ހާދިސާގައި ސީރިއަސް އަނިޔާ ލިބުނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި ވަޒީފާ އަދާކުރާ ބ. ހިތާދޫ ޕިޔާނާގެ މޫސަ ވަޖުދީ އަށެވެ.

ބުރަފަތި އެނބުރެނިކޮށް އޭގައި މަތިންދާބޯޓުގެ ސިޑިއެއް ޖެހުމުން އެ އިން ބުރައިގެން ދިޔަ އެތިގަނޑުތައް ގޮސް ހެރުނީ އޭނާގެ ބަނޑަށެވެ. ވަޖުދީ އެވަގުތު ހުރީ ސިޑި ކައިރީގަ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ބުރަފަތީގެ ފިޔަގަނޑު ސިޑީގައި ޖެހުމުން އެ އިން ބުރައިގެން ދިޔަ ވިއްސަކަށް އެތިގަނޑު ވަނީ ވަޖުދީގެ ބަނޑަށް ހެރިފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ބައެއް މީޑިޔާތަކަށް މިއަދު ވިދާޅުވީ އެ މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. އެކަމަކު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނަމަވެސް ވަޖުދީގެ އާއިލާގެ ބޭފުޅަކާ ހަވާލާދީ ހިތާދޫ އޮންލައިނުގައި ބުނީ ރޭ ވަޖުދީގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގީ ހެލިކޮޕްޓަރު ޖެއްސި ވަގުތު އެއާޕޯޓުގެ އޭޕްރަން ކައިރިން، ވެހިކަލްތައް ދުއްވާ ސަރަހައްދު (ސާވިސް ރޯޑް) ގައި ޕާކް ކޮށްފައި އޮތް ސިޑިއެއްގައި، ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އެމްއޭސީއެލްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކަށްވެސް ގެއްލުން ލިބުނެވެ. ނަމަވެސް އެ މީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.