ލައިސަންސް ޓްރެކް ތައްޔާރުކުރަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށީގައި ލައިސަންސް ޓްރެކް އަޅަން ކައުންސިލުގެ ނައިބް ރައީސް މަބްރޫކް ނަސީރު (ވ) އަދި މަސައްކަތާ ހަވާލު ފަރާތުން އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ސަލާމުކުރައްވަނީ—ފޮޓޯ / ބ. އަތޮޅު ކައުންސިލް
އޭދަފުށީގައި ލައިސަންސް ޓްރެކް އަޅަން ކައުންސިލުގެ ނައިބް ރައީސް މަބްރޫކް ނަސީރު (ވ) އަދި މަސައްކަތާ ހަވާލު ފަރާތުން އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ސަލާމުކުރައްވަނީ—ފޮޓޯ / ބ. އަތޮޅު ކައުންސިލް

ބ. އޭދަފުށީގައި ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދާ ޓްރެކް ތައްޔާރުކުރަން އަމިއްލަ ބަޔަކާއެކު ބ. އަތޮޅު ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އޭދަފުށީ ހުޅަނގު ސަރަހައްދުގައި (ހޮސްޕިޓަލާ ދިމާ އުތުރުން އޮތް ހުސް ބިމުގައި) އަޅަން ހަމަޖެހިފައިވާ ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ބ. އަތޮޅު ކައުންސިލު އިދާރާގެ ފަރާތުން ސޮއިކުރެއްވީ ނައިބް ރައީސް މަބްރޫކް ނަސީރު އެވެ. މަސައްކަތާ ހަވާލުވި ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޔޫސުފު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ހެދުމުގެ މަސައްކަތް ކުރިއަށްދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން މިއަދު ހަވާލުކޮށްފައިވަނީ ޓްރެކް އަޅަން ފެށުމުގެ ކުރިން އެތަން ތައްޔާރުކުރުމުގެ މަސައްކަތެވެ. ފުރަތަމަ ފިޔަވަހީގެ މި މަސައްކަތުގެ ދަށުން އެ ތަނުގައި ކުރާނީ ވަށާފާރު ރޭނުމާއި ރޭމްޕް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމާލަން އެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

އެއަށްފަހު ދެން ކުރިއަށްދާނީ ދެވަނަ ފިޔަވަހީގެ ދަށުން ޑްރައިވިން އޭރިއާ ލެވެލްކޮށް ގާ އެތުރުމުގެ މަސައްކަތެވެ. އަދި ތިންވަނަ ފިޔަވަހީގެ ދަށުން ކަރަންޓް ވިއުގަ އެޅުމާއި ލައިޓް ސިސްޓަމް ގާއިމްކޮށް ރޭގަނޑު ދިއްލޭނެ އިންތިޒާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މި މަސައްކަތް އެއްކޮށް ނިންމުމަށް ނުވަލައްކަވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބ. އަތޮޅު ކައުންސިލުން ބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.