ޔޫރަޕްގެ މަޝްހޫރު ފުޓުބޯޅަ ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއި އިންޑިޔާގެ މަޝްހޫރު މުއާސަލާތީ ހިދުމަތްދޭ ކުންފުނި އެއާޓެލް އިން ސުޕޮންސަރޝިޕް އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ. އެއީ 10 މިލިޔަން ޕައުންޑުގެ އެއްބަސްވުމެކެވެ.
ދެ ފަރާތަށް ވެސް މި އެއްބަސްވުމުން ގިނަ ފައިދާތަކެއް އަދި މަޝްހޫރު ކަމެއް ލިބިގެންދާނެ ކަމަށް ދަނީ ދެ ފަރާތުން ވެސް ހާމަކުރަމުންނެވެ.
އެއާޓެލް އަކީ 92 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
އެހެންކަމުން އެއާޓެލް އިން ބުނަމުން ގެންދަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް މެންޗެސްޓަރ ޔުނައިޓެޑް އެނގިގެން ދާނެ ކަމަށާއި ޔޫރަޕްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އިތުރަށް ފުޅާވެގެން ވެސް ދާނެ ކަމަށެވެ.
އަޅުގަޑުމެން ދިވެހިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ސަޕޯޓު ކުރާ މެންޗެސްޓަރ ޔުނައިޓެޑުން ބުނަމުން ގެންދަނީ މިއީ އެ ކުލަބަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އިންޑިޔާ ކަހަލަ އާބާދީ ބޮޑު ގައުމެއްގެ ކުންފުންޏަކުން މި ކަހަލަ ފުރުސަތެއް ލިބޭ ކަމީ ބައިނަލްއަގުވާމީ ގޮތުން ކުލަބަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރ އެލެކްސް ފާގަސަން ހާމަކުރައްވާފައި ވަނީ އިންޑިއާގައި ފުޓުބޯޅަ އަށް ދޭ ސަޕޯޓު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށާއި މިއީ ހުރިހާ ގޮތަކުން ވެސް އެ ކުލަބަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށެވެ.
ޔުނައިޓެޑްގެ މިހާރުގެ ސުޕޮންސަރަކީ އެމެރިކާގެ މަޝްހޫރު އިންޝުއަރަންސް ކުންފުނި އޭ އައި ގީ އެވެ. އޭ އައި ގީން ބުނީ އެ މީހުން އިތުރަށް ކޮންޓުރެކްޓް އާ ކުރަން ބޭނުން ނުވާ ކަމަށެވެ. އޭ އައި ގީ ގެ ކޮންޓުރެކްޓް ހަމަވާނީ 2010 ވަނަ އަހަރު އެވެ.
ހަމަ އެއާ ވިދިގެން ޔުނައިޓެޑުން ވެސް ބުނީ މި އަންނަ އަހަރަށް ފަހު އެ މީހުން ބޭނުން ވަނީ މުޅިން އާ ޖޯޒީއެއްގައި ކުޅެން ކަމަށެވެ.
— އިންޑިޔާގެ މައިސޫރުން: މުހައްމަދު ރަޝީދު