ސެންޗޫރިއަންގެ ހިއްސާ އޭދަފުށީގައި ވިއްކަނީ

އޭދަފުށީގައި ސެންޗޫރިއަންގެ ހިއްސާ ވިއްކުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން-- ފޮޓޯ / ސެންޗޫރިއަން
އޭދަފުށީގައި ސެންޗޫރިއަންގެ ހިއްސާ ވިއްކުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން– ފޮޓޯ / ސެންޗޫރިއަން

ރާއްޖޭގައި އާއްމުކޮށް ހިއްސާ ވިއްކަން ފެށި ފުރަތަމަ އަމިއްލަ ކުންފުނި ކަމަށްވާ ސެންޗޫރިއަން އިން އެ ކުންފުނީގެ ހިއްސާ ބ. އޭދަފުށީގައި މިއަދު ވިއްކަން ފަށައިފި އެވެ.

ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން “އީޓީ” އަށް ވިދާޅުވީ އެ ކުންފުނިން ވިއްކަމުންގެންދާ ހިއްސާ އާއި ބެހޭ މައުލުމާތު ދިނުމަށާއި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ހިއްސާ ވިއްކުމަށް އެ ކުންފުނީގެ ޓީމެއް މިހާރު އޭދަފުށީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

“މިއަދު މެންދުރުފަހު 3:00 އިން ފެށިގެން އަޅުގަނޑުމެންގެ ޓީމު ސެންޗޫރިއަންގެ ހިއްސާއާބެހޭ މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވާނެ. ޖެޓީ ކައިރި އަޅުގަނޑުމެން މި ފެށީ، މިރޭ ވަންދެން އަޅުގަނޑުމެންގެ ޓީމު މިތަނުގައި [ޖެޓީ ސަރަހައްދުގައި] ހަރަކާތްތެރިވާނެ. އަދި މާދަމާ މެންދުރުފަހުވެސް އަޅުގަނޑުމެންގެ ޓީމު މިތަނުގައި ހަރަކާތްތެރި ވާނެ،” މައުމޫން އޭދަފުށީގައި ހުންނަވައިގެން މިއަދު “އީޓީ” އަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޖެޓީ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުގެ އިތުރުން އިތުރު މޯބައިލް ޓީމެއް ގެއިން ގެއަށް މައުލޫމާތު ދިނުމަށާއި ހިއްސާ ވިއްކުމަށް އޭދަފުށީގައި މިވަގުތު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ސެންޗޫރިއަންގެ 49 ޕަސެންޓް (6،757،800) ހިއްސާ، 25 ރުފިޔާގެ މަގުން ވިއްކަން ނިންމާފައިވާއިރު، ވަކިވަކި ފަރުދުންގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހިއްސާ ގަނެވޭ ގޮތަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މަދުވެގެން ހަތަރު ހިއްސާ ކޮންމެ ފަރާތަލުންވެސް ގަންނަން ޖެހެ އެވެ.

ސެންޗޫރިއަން އިން ހިއްސާ ވިއްކައިގެން ހޯދަން އަމާޒުކުރާ 168،945،000 ރުފިޔާ އިން މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ހަތް ވަނަ ކުންފުންޏަށް ސެންޗޫރިއަން ވެފައި ވާއިރު، އެ ބާޒާރުގައި ގިނައިން ލިސްޓުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އެމްޓީޑީސީ އާއި ދިރާގު ފަދަ ކުންފުނިތައް ހިމެނެ އެވެ.

ސެންޗޫރިއަން އިން ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އާއްމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމް ބީއެމްއެލް މެދުވެރިކޮށްވެސް ހަމަޖައްސާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.