ދަސްވާރު ނިންމި 15 ދަރިވަރުން ގްރެޖުއޭޓް ވެއްޖެ

ބ. އަތޮޅުން ދަސްވާރު ކޯސް ނިންމައި ގްރެޖުއޭޓްވި ދަރިވަރުން ޑުސިޓް ތާނީ ރިސޯޓުގެ ޖީއެމް އާއެކު ގްރޫޕް ފޮޓޯއެއްގައި.-- ފޮޓޯ: ބ. އަތޮޅު މަދަރުސާ
ބ. އަތޮޅުން ދަސްވާރު ކޯސް ނިންމައި ގްރެޖުއޭޓްވި ދަރިވަރުން ޑުސިޓް ތާނީ ރިސޯޓުގެ ޖީއެމް އާއެކު ގްރޫޕް ފޮޓޯއެއްގައި.– ފޮޓޯ: ބ. އަތޮޅު މަދަރުސާ

2016 ވަނައަހަރު ބ. އަތޮޅުގެ ސްކޫލުތަކުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުގެ ދަސްވެނިވުން ބާއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ބ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި މިއަތޮޅުގެ ދެ ސްކޫލަކުން 15 ދަރިވަރުންވަނީ ދަސްވާރު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފަ އެވެ. އެއީ ދޮންފަނު ސްކޫލުގެ 13 ދަރިވަރުންނާއި ތުޅާދޫ ސްކޫލުގެ ދެ ދަރިވަރުންނެވެ.

ދަސްވާރު ޕްރޮގްރާމުގެ ދަށުން ކޯސް ފުރިހަމަކުރި، ބ. އަތޮޅުގެ މި ދެ ސްކޫލުގެ ދަރިވަރުން ފުރިހަމަކޮށްފައިވަނީ އިލެކްޓްރިޝިއަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

ބ. އަތޮޅު ސްކޫލުތަކުގެ ފޯކަލް ޕޮއިންޓް އަދި ބ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާޞިޙް ވިދާޅުވީ މިދިޔައަހަރު މި ޕްރޮގްރާމް ނުނިމޭ ދަރިވަރުން އަތޮޅުތެރޭގެ ބައެއް ސްކޫލް ތަކުގައި އަދި އެބަތިބިކަމަށާއި އެ ކުދިންގެ ކޯސްތައް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވާރު ޕްރޮގްރާމު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދުސިތު ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރެއިނޯލްޑް ޖޯހާން އެވެ. މި ރަސްމިއްޔާތުގައި ވަނީ އެ ދަރިވަރުން މި ޕްރޮގްރާމު ފުރިހަމަ ކުރުމަށް އެހީތެރިވެދެއްވި މުއައްސަސާތަކަށްވެސް ހަދާނީލިޔުންދީފަ އެވެ.

ބ. އަތޮޅުން ދަސްވާރު ކޯސް ނިންމައި ގްރެޖުއޭޓްވި ދަރިވަރަކަށް ހަނދާނީ ލިޔުންދެއްވަނީ.-- ފޮޓޯ: ބ. އަތޮޅު މަދަރުސާ
ބ. އަތޮޅުން ދަސްވާރު ކޯސް ނިންމައި ގްރެޖުއޭޓްވި ދަރިވަރަކަށް ހަނދާނީ ލިޔުންދެއްވަނީ.– ފޮޓޯ: ބ. އަތޮޅު މަދަރުސާ

މި ރަސްމިއްޔާތުގައި، ދުސިތު ތާނީ މޯލްޑިވްސްގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓުގެ މެނޭޖްމަންޓުންނައި، ދަސްވެނިވި ދަރިވަރުންގެ ރަށްރަށުގެ މުއައްސަސާތަކާއި ދަރަވަންދޫގެ މުއައްޞަސާތަކުން ވަނީ ބައިވެރިވެފަ އެވެ.

ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮދިނުމަށް ސަރުކާރުން 2014 ވަނަ އަހަރު ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު މުޅި ރާއްޖެއިން 700 އަށްވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމު ފުރިހަމަކޮށްފައިވެ އެވެ.

ނާޞިޙް ވިދާޅުވި ގޮތުގައި މިއަހަރުވެސް ބ. އަތޮޅުގެ ގިނަ ސްކޫލުތަކުގައި މި ޕްރޮގްރާމު ކުރިއަށް ގެންދާއެވެ..

މިއީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެންމެ ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، ދަރިވަރުން ސްކޫލުނިންމާ ނިކުންނައިރު ވަޒީފާގެ ފުރުޞަތު ނުވަތަ ތަޢުލީމީ ގޮތުން ކުރިޔަށް ދެވޭނޭ މަގެއް ފަހި ކޮށްދެއްވުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.