ދިރާގަށް މިދިޔަ އަހަރު 840 މިލިއަން ރުފިޔާގެ ފައިދާއެއް!

ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީ އާ ބެހޭ މައުލޫމަތު ދެނީ- ފޮޓޯ / ދިރާގު
ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީ އާ ބެހޭ މައުލޫމަތު ދެނީ- ފޮޓޯ / ދިރާގު

ދިރާގަށް މި ދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ވަނީ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ނުވަތަ 226 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 840 މިލިއަން ރުފިޔާ އަކީ 2015 އާ އަޅާބަލާއިރު 16 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީއަށްވުރެ 15 ޕަސަންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދިރާގަށް ލިބިފައިވަނީ 643 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ ކުއާޓަރުގައި ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 11.04ރ. ރުފިޔާ ޖެހިފައިވެ އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ހިސާބުތައް ނޫސްވެރިންނަށް ހާމަކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިޝާ، ސީއެފްއޯ ރޮބިން ވިލްސަން ވިދާޅުވީ، މިދިޔަ އަހަރު ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތުން ކަމަށެވެ.

ދިރާގުން ބުނީ އެކުންފުންޏަށް ލިބުނު ކާމިޔާބުގެ ފަހަތުގައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ތްރީޖީ ހިދުމަތާއ، ފޯޖީ ހިދުމަތް އަދި ފައިބާ ނެޓްވޯކް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްތަކާއި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތުން އެކި ޕެކޭޖްތައް ފަރުމާކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުންވަނީ އިންޓަނެޓުގެ ހިދުމަތްތައް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް އަދި މިހާރުވެސް އިތުރު އެހެން ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގުގެ 3ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން މިހާރު ވަނީ މިއަހަރު ތެރޭ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.