“އަހަރެންގެ ބޭންކް” ގެ ނަމުގައި ބޮޑު ކެމްޕޭނެއް

"އަހަރެންގެ ބޭންކް" ކެމްޕޭން ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ ރޭ އިފްތިތާހު ކޮށްދެއްވަނީ- ފޮޓޯ / މިހާރު އޮންލައިން
“އަހަރެންގެ ބޭންކް” ކެމްޕޭން ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ ރޭ އިފްތިތާހު ކޮށްދެއްވަނީ- ފޮޓޯ / މިހާރު އޮންލައިން

މުޖުތަމައު އަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “އަހަރެންގެ ބޭންކް”ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ރޭ ފަށައިފި އެވެ.

ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ބައިވެރިވެގެން ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ހަފްލާއެއްގައި މި ކެމްޕޭން ފައްޓަވައި ދެއްވީ އެ ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ.

އެގޮތުން ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން އަންނަ މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނި ގޮތުގައި، އެ ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ފޭސްބުކް ލައިވްގައި ޕޯސްޓުކޮށް އެންމެ ގިނަ ލައިކްސް ލިބެ ރަނގަޅު ޕްރޮޕޯސަލެއް ހޯދައި، އެ ޕްރޮޕޯސަލްގައި ބަޔާންކުރާ މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެފަރާތަކަށް 200،000 ރުފިޔާ ދޭނެ އެވެ.

މައި ބޭންކް ލޯންޗްކުރުމުގެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ / މިހާރު އޮންލައިން
މައި ބޭންކް ލޯންޗްކުރުމުގެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވާހަކަފުޅު ދައްކަވަނީ. – ފޮޓޯ / މިހާރު އޮންލައިން

ރޭގެ ހަފުލާގައި، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، 270،000 ކަސްޓަމަރުންނާއެކު ބީއެމްއެލް މިހާރުވެސް ވަނީ ކޮންމެ ދިވެހި އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމަށެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި “އަހަރެންގެ ބޭންކް” ޕްރޮގްރާމް ބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންތައްތަކާއި އެކަމުން މުޖުތަމައަށް ކުރާނެ ފައިދާ އެވެ. މީގެ އިތުރުން މި ޕްރޮގްރާމުން ދެން ބުނެދޭނެ މުހިންމު އަނެއް ކަމަކީ އެންޑްރޫ ވިދާޅުވި ގޮތުގައި ބީއެމްއެލްއަކީ އަބަދުވެސް ދިވެހިންގެ ބޭނުންތައް ފުއްދައިދިނުމުގައި ވަރުބަލިވުމެއް ނެތި، ހިދުމަތުގެ ފެންވަރު ރަނގަޅު ތެމި ތިބޭނެކަމެވެ. ބީއެމްއެލް އަބަދުވެސް އޮންނާނީ ދިވެހިންގެ ބޭންކެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އެންޑްރޫ ދެއްވި އެވެ.

“އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދެވަނައެއް ނުވާ މި ދިވެހި ބޭންކަކީ ތިޔަ ބޭފުޅުންގެ ބޭންކުގެ ގޮތުގައި ބަލައިގަތުމަށް. ތިޔަ ބޭފުޅުންގެ ދަރިންނަށް ތައުލީމު ފޯރުކޮށްދޭން ޖެހުނަސް، ތިބޭފުޅުން ގެޔެއް ގަންނަން ބޭނުންވިޔަސް އަދި ތިބޭފުޅުން ވިޔަފާރިއެއް ފެށުމަށް ބޭނުންވިކަމުގައިވިޔަސް މި ބޭންކު ވަނީ ތިބޭފުޅުންނާއެކުގައި،” .

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަށް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަ ކުރަން ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 150 އެއްހާ އާ ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުން އަންނަނީ އެ ބޭންކުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއްވެ، އެ ބޭންކްގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 281.8 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.