ދުނިޔޭގައި އިން އެންމެ ދުވަސްވީ އަންހެންމީހާ މަރުވެއްޖެ

ކަޒަކިސްތާނުގެ ރައްޔިތެއް ކަމަށްވާ ސަހާން ޑޮސޯވާ

ދުނިޔޭގައި އިން އެންމެ ދުވަސްވީ އަންހެންމީހާ އޭނާގެ އުމުރުން 130 އަހަރުގައި މަރުވެއްޖެ އެވެ.

ކަޒަކިސްތާނުގެ ރައްޔިތެއް ކަމަށްވާ ސަހާން ޑޮސޯވާ (ފޮޓޯގައި) މަރުވީ ފާހާނާގައި ފެންވަރަން އުޅެނިކޮށް ކައްސާލައިގެން ވެއްޓި ލިބުނު ގެއްލުންތަކަށް ފަރުވާދެމުން ދަނިކޮށެވެ.

ސަހާން ޑޮސޯވާ ދިރިއުޅެމުން ގެންދިއައީ ކަޒަކިސްތާނުގެ ސަރުކާރުން ޑޮސޯވާ އަށް ހަދިޔާ ކޮށްފައި ހުރި ފުލެޓެއްގަ އެވެ.

އޭނާ ދުނިޔެ ދޫކުރި އިރު 11 ދަރިންނާއި މާމަކިޔާ 37 ކުދިން އެބަ ތިއްބެވެ.

ކަޒަކިސްތާނުގެ ކަރަގަންޑާ ސިޓީގެ ބޯހިމެނުން ދައްކާ ގޮތުން ޑޮސޯވާގެ އުފަން ދުވަހަކީ 27 މާރޗް 1879 އެވެ.

މިދިޔަ މާރޗް މަހު ޑޮސޯވާ ބުނެފައި ވަނީ އޭނަގެ ހަޔާތުގައި އެއްވެސް ކަހަލަ ހާއްސަ ކަމެއް ދިމާވެފައި ނުވާނެ ކަމަށާއި ހަޔާތުގެ އެއްވެސް ހިސާބެއްގައި ވެސް އެއްވެސް ގޮތަކަށް ގުޅަބޭސް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފޮނި ކާއެއްޗިއްސަކީ އޭނާ އެހާ ކާހިއްވާ އެއްޗެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އާއްމު ގޮތެއްގައި ޑޮސޯވާގެ ކެއުމުގައި ބޭނުން ކޮށްފައި ވަނީ ޗީޒް އާއި ޔޯގަޓް ފަދަ ތަކެއްޗެވެ.

ޑޮސޯވާގެ ހަޔާތުގައި ވަނީ 3 ކައިވެންޏެއް ކޮށްފަ އެވެ. ނަމަވެސް ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު އޭނާގެ އެންމެ ފަހުގެ ފިރިމީހާ ނިޔާވުމުން މިއަދާ ހަމައަށް ވެސް އޭނާ އިތުރު ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.

ޑޮސޯވާގެ ނަން ވަނީ އެންމެ ދުވަސްވީ އަންހެން މީހާގެ ނަމުގައި ވޯލްޑް ރެކޯޑަށް ވެސް އަރައިފަ އެވެ.

— މުހައްމަދު ރަޝީދު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.