ކެންސަރު: މާބޮޑަށް ކަންނެތް ވުމުންވެސް ބައްޔަށް މަގުފަހިވޭ

ކެންސަރު ސެލްތަކެއް
ކެންސަރު ސެލްތަކެއް

ލިޔުނީ: މުހައްމަދު ނަޖީބު

ކެންސަރަކީ އޭގެ ވަރަށް ގިނަ ވައްތަރުތަކެއް ހިމެނޭ އަދި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި ކެންސަރު އުފެދި އަށަގަތުމަށް ވަރަށް ދިގުމުއްދަތެއް ނަގާއިރު، ދިމާވާގޮތަކުން ވަރަށް އަވަހަށް އުފެދި ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ބަދަލުވެއެވެ.

ކެންސަރަކީ ވަކިވައިރަހަކުން ނުވަތަ ބަލި ޖައްސާ ވަކިޖަރާސީމަކުން ޖެހޭ ބައްޔެއްނޫނެވެ. މައިގަނޑުގޮތެއްގައި ކެންސަރަކީ ހަށިގަނޑުގެ ސެލްތައް އިތުރަށް އުފެދި އަވަސްކަމާއެކު އޭގެ މިންވަރާއި މަސައްކަތް އާއްމު އުސޫލާއި ޚިލާފުވެ ފުށުއެރުމުން އުފެދޭ ހާލަތެކެވެ. ފުރަތަމަ އެންމެ ސެލްއަކުން އުފެދެން ފަށާ މިބަލި ހަލުވިކަމާއެކު އެސެލް ހިމެނޭ ގުނަވަނަކަށް ފެތުރެ އެވެ. އަދި އޭގެ ފަހުން ކުރުމުއްދަތެއްގެ ތެރޭގައި އެ ގުނަވަނުގެ އަވައްޓެރި އެހެން ގުނަވަންތަކަށް ފެތުރިގެންދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކުރައްވާ ގޮތުގައި މިއީ ދުނިޔޭގައި މީހުން މަރުވާ އެންމެ އާއްމު އެއްބައްޔެވެ. މިބަލީގައި ހިމެނޭ ބާވަތްތަކުގައި އެވުރެޖުކޮށް އަހަރަކު މަރުވާ މީހުންގެ އަދަދަށް ބަލާއިރު؛
1- ފުއްޕާމޭގެ ކެންސަރުގައި 1.5 މިލިއަން މީހުން
2- ފުރަމޭގެ ކެންސަރު ގައި 745000 މީހުން
3- ބަނޑުގެ ކެންސަރު ގައި 723000 މީހުން
4- ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރު ގައި 694000 މީހުން
5- ބަނޑުގެ ކެންސަރު ގައި 723000 މީހުން
6- އުރަމަތީގެ ކެންސަރުގައި 521000 މީހުން
7- ކާތަކެތި ދަތުރުކުރާ ހޮޅީގެ ކެންސަރުގައި 400000 މީހުން މަރުވެއެވެ.

ކެންސަރު ޖެހެނީ ކީއްވެ ؟

ކުރިން ބަޔާން ކުރެވުނު ފަދައިން ކެންސަރަކީ އެންމެ ސެލް އަކުން ފެށޭ ހާލަތެކެވެ. ވަރަށްގިނަ ތަފާތު ހާލަތާއި ކަންތައްތަކެއް މެދުވެރިވުމުން މިހާލަތު ފެށިދާނެއެވެ. އާއްމުކޮށް ކެންސަރަކީ އެމީހެއްގެ ޖެނެޓިކް ފެކުޓަރސް ތަކާއި ބޭރުން ހަށިގަނޑަށް ވަންނަ މައިގަނޑު ތިންބާވަތަކާއި ދެމެދު ހިނގާ މުއާމަލާތްތަކެއްގެ ނަތީޖާއެވެ. އެބާވަތްތަކަކީ؛
• ޕިޒިކަލް ކާސިނޯޖަން – (އަލްޓްރާ ވައިލެޓް ރޭޑިއޭޝަން އަދި އަޔަނައިޒިންގ ރޭޑިއޭޝަން)
• ކެމިކަލް ކާސިނޯޖަން (ދުންފަތް، އެސްބެސްޓޯސް ، އެފްލަޓޮކުސިން އަދި އާރސިނިކް ކެމިކަލްސްތައް)
• ބައޮލޮޖިކަލް ކާސިނޯޖަން (ބައެއްކަހަލަ ވައިރަހާއި، ބެކުޓީރިއާ އަދި ޕެރަސައިޓްސްގެ ސަބަބުން އުފެދޭ އިންފެކުޝަން)
މީގެ އިތުރަށް އިންސާނާގެ އުމުރު މައްޗަށްދާވަރަކަށް ކެންސަރު ޖެހުމުގެ ހިރާސް (ރިސްކު) އިތުރުވެ އެވެ. އާއްމުކޮށް އުމުރުގެ ހިރާސް ގުޅުވާލެވެނީ އިންސާނާގެ ސެލްތައް ކަންފަތިވުމާއި ސެލްތައް އަލުން މަރާމާތު ކުރުމުގެ ނިޒާމުގެ މަސައްކަތުގެ ފެންވަރަށެވެ.

ކެންސަރު ޖެހުމަށް މެދުވެރިވާ އާންމު ހާލަތްތައް؛

• ދުންފަތުގެ އިސްތިއުމާލު ކުރުން
• ބަނގުރާ ބޭނުން ކުރުން
• ސިއްހަތަށް ގެއްލުންހުރި ކާނާ ބޭނުން ކުރުމާއި
• ކަންނެތްވުމަކީ ކެންސަރުޖެހުމަށް އާއްމުކޮށް މަގުފަހިކުރުވާ ހާލަތްތަކެވެ.
މީގެ އިތުރަށް ބައެއްކަހަލަ ވައިރަސް (ހެޕަޓައިޓިސް ބީ، ސީ އަދި ހިއުމަން ޕެޕިލޯމާ ވައިރަސް އަކީ ފުރަމެއާއި ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހިކުރެއެވެ.

ކެންސަރުން ސަލާމަތްވާނީ ކިހިނެތް؟

ކެންސަރާ ގުޅޭ މައުލޫމާތު ހޯދާ ދެނެގަތުމަކީ ކެންސަރުން ސަލާމަތްވެތިބުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ކެންސަރަކީ އޭގެ ފަރުވާއަށް ބޮޑުހޭދައެއް ކުރަންޖެހޭ ބައްޔަކަށްވެފައިވީނަމަވެސް، ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ މިއީ ފަސޭހަކުރަން ވެސް އެހާމެ ފަސޭހަ ބައްޔެކެވެ. ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅި ދުޅަހެޔޮ ސިއްހަތަކަށް ބައްޓަންވާގޮތަށް އަތުރާލެވިއްޖެނަމަ ކެންސަރަކީ އެބައްޔަކާއި ދުރުވެވިދާނެ ބައްޔެކެވެ. މިގޮތުން ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދެއްވައިފިނަމަ ކެންސަރަށް ހުށައެޅޭމިންވަރު ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
• ދުންފަތުގެ އިސްތިއުމާލުނުކުރުން
• ބަރުދަން ހެޔޮމިންވަރެއްގައި ބެހެއްޓުން
• ރަނގަޅު ކާނާ ބޭނުން ކުރުން
• ކާނާގެ ތެރޭގައި މޭވާއާއި ތަރުކާރީ ގިނަކުރުން
• ކަސްރަތު ކުރުން
• ޖިންސީގުޅުމުގެ ޒަރީއާއިން އަރާ ބަލިތަކުން ރައްކާތެރިވުން
• ބަނގުރާ ބޭނުން ނުކުރުން
• ތަފާތު ރޭޑިއޭޝަންތަކުން ދުރުވެ ރައްކާތެރިވުން
• ތާޒާވައިލިބޭ މާހައުލެއްގައި ދިރިއުޅުން

މަތީގައި ހިމަނާލެވިފައިވާ ކަންތައްތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ހުރުމަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. މީގެ އިތުރަށް ކެއުމުގައި ހަކުރު އަދި ލޮނު މަދުކުރުމާއެކު މާމުއި އަދި ކަޅުދިރި ބޭނުން ކުރުމުން ސެލްތަކުގެ މަސައްކަތް ފުރިހަމަ ކޮށްދެއެވެ.

ދީނީ ނަޒަރަކުން ބަލާއިރު ހަސަދައާއި އެސްފީނާ އަދި ޖިންނި ސައިތާނުންގެ ނުބައިކަމުން ސަލާމަތްވެ ހުރުމަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ޤަވާއިދުން ކިޔާއުޅުމަކީވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ އިތުރު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.


އެޑިޓަރުގެ ނޯޓް: ބ. މާޅޮހަށް އުފަން މުހައްމަދު ނަޖީބަކީ ޕަބްލިކް ހެލްތު މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދާވާފައިވާ ބޭފުޅެކެވެ. ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނަޖީބު “އީޓީ” އަށް ލިޔެދެއްވާ މި ކޮލަމުގައި ކިއުންތެރިންނަށް ބޭނުންވާ އަދި ޝައުގުވެރިވާ އެކި އެކި ސިއްހީ މައުލޫމާތު ލިޔުއްވައިދެއްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.