ރާއްޖޭގައި ހިލޭ ޓުވީޓް ކުރެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ޓުވިޓާ ކުންފުންޏާ ގުޅިގެން އިއްޔެއިން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޓުވިޓާގެ އެޕްލިކޭޝަން މެދުވެރިކޮށް ހިލޭ ޓުވީޓާއި ރީޓުވީޓް ވެސް ކުރެވޭއިރު، ފޮޓޯ ވެސް ހިލޭ އަޕްލޯޑް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
“ފްރީ ޓުވިޓާ އެކްސެސް” ގެ ނަމުގައި ފެށި ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވީ މި ހިދުމަތަކީ ޓުވިޓާ އެޕްލިކޭޝަން މެދުވެރިކޮށް ޓުވިޓާ އިން މި ހިދުމަތް ހިލޭދޭ ފުރަތަމަ ފަހަރު ކަމަށެވެ.
“މިއީ ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖޭގެ ގިނަ ބަޔަކު މިހާރު ޓުވީޓް ކުރޭ. މި ހިދުމަތުގެ ސަބަބުން ޓުވީޓް ކުރަން މޮބައިލް މެދުވެރިކޮށް ނަގާ ޑާޓާ ވެސް އެހެން ކަމަށް ބޭނުން ކޮށްލަން ފުރުސަތު ލިބޭނެ. މިހާރު މި ޑާޓާ ބޭނުންކޮށްގެން ޓުވީޓް ކުރިނަމަވެސް މިހާރު ފޭސްބުކަށް ޗެކްކޮށްލަން ވެސް އެ ޑާޓާ ކޮޅު ބޭނުން ކުރެވޭނެ،” އިޝާން ވިދާޅުވި އެވެ.
ދިރާގުގެ މާކެޓިން އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ އެ ކުންފުނިން ހިލޭ ފެށި ޓުވިޓާ ޕްރޮމޯޝަންގެ ދަށުން ޗާޖު ކުރާނީ ޓްވީޓެއްގައި އިންނަ ލިންކަކަށް އެކްސްކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޓުވިޓާއިން ރާއްޖޭގައި މި ހިދުމަތް ތައާރަފުކުރީ އެ ކުންފުނީގެ ހިދުމަތްތަކަށް ވެސް ޓުވިޓާއިން ބެލުމަށް ފަހު ކަމަށެވެ.
ދިރާގުން ބުނީ 23 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަށް ލިބޭ ތަރުހީބަށް ބަލާފައި މުއްދަތު އިތުރުކުރަން ވިސްނާފައިވާ ކަމަށެވެ.