ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސްކޫލްގެ ތަސައްވުރާއި ލަނޑުދަނޑިތައް އަލުން މުރާޖައާ ކުރަން ޖެހިފައިވާ ކަމަށް ސްކޫލްގެ ކަންކަމުގައި ލަފާ ދޭ ބޯޑުން ބުނެފި އެވެ.
ސްކޫލް ބޯޑުން މިހެން ބުނެފައި މި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރު އުފެދުނު މި ބޯޑް އިފްތިތާހް ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ބޯޑްގެ ޗެއާޕާސަން މުހައްމަދު އާރިފް ވާހަކަ ދައްކަވަމުންނެވެ.
ބ . އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީގައި ރޭބޭއްވި މި ޖަލްސާގައި އާރިފް ވިދާޅުވީ ސްކޫލްގެ އަމާޒުތަކާއި ލަނޑުދަނޑިތައް ސްކޫލަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭ ކަމަށާއި އެ ކަންކަން ހާސިލް ކުރުމަށްޓަކައި ބޯޑުން ސްކޫލްގެ މެނޭޖްމެންޓަށް ލަފަޔާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ.
“މިހާރު ވެސް ސްކޫލްގައި ތަސައްވުރެއް އެކުލަވާލާފައި އެބަ އޮތް. އެ ކަން އާންމުންނަށް ނޭނގޭހެން ހީވަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މި ކަންކަން މި ތަނަށް ޒިޔާރަތް ކުރާ އެންމެންނަށް ފެންނަން ނުވަތަ އެނގެން އޮތުމަށް. މި ކަންކަން އަލުން ދިރާސާކޮށް ގެންނަން ޖެހޭ އިސްލާހްތަކާއެކު ސްކޫލްގެ މެނޭޖްމެންޓާ ހިއްސާ ކުރާނަން. އަދި އެހީތެރިކަން ވެސް ދޭނަން،” އާރިފް ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރު އަލަށް އުފެދުނު ބޯޑްގެ މެމްބަރުންނަށް މި ހަފްލާގައި މެމްބަރުކަމުގެ ލިޔުން ހަވާލު ކުރުން ވެސް އޮތެވެ.
މި ބޯޑްގައި ބެލެނިވެރިންނާއި މުދައްރިސުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެމްބަރަކާއި ސްކޫލްގެ މެނޭޖްމެންޓާއި ޕީޓީއޭ އަދި އެޑިޔުކޭޝަނުން ކަނޑައަޅާ މަންދޫބުންނާއެކު 13 ބޭފުޅަކު ހިމެނޭ ކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެ އެވެ.
ބ. އޭދަފުށިން އަބްދުލްގައްޔޫމް