ހިތު ހިސާބު ދަސްކޮށްދޭ ކްލާސްތަކެއް ފަށަނީި

new logo

ހިސާބު އިލުމުން ދަރިވަރުންނަށް ކުރިއެރުން ހޯދައި ދިނުމަށް ސިކުނޑީގެ ކަސްރަތު ހިމެނޭ ހިސާބު އިލުމެއް ކަމަށްވާ ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް (ޔޫސީމަސް) އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް އޭދަފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އޭދަފުށީ ޔޫސީމަސް ސެންޓަރުން “ޔޫސީމަސް މެންޓަލް އެރިތަމެޓިކް”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މާޗުމަހުގެ 6 އާ ހަމައަށް ހުޅުވާލައިފަ އެވެ.

އޭދަފުށީ ޔޫސީމަސް ސެންޓަރުން ބުނި ގޮތުގައި މަހު ފީ އެއްގެ ގޮތުގައި -/350ރ. ދީގެން ބައިވެރިވެވޭ މި ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަޑުއެހުމާއި ސަމާލުކަންދިނުން، ހަނދާނުގައި ބެހެއްޓުމާއި، އަދި ކަންތައްތައް ބަލާ ދިރާސާކުރުމުގެ ފަންނުގެ އިތުރުން މައުލޫމާތު އަވަހަށް ނަގައިދިނުމުގެ ކަންތައްތައް ހިމެނެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 4-14 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ޕްރޮގްރާމު ރަސްމީ ކޮށް އޭދަފުށީގައި ލޯންޗުކުރުމަށް ވަރަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް އޭދަފުށީ ޔޫސީމަސް ސެންޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކްލާސްތަކުގައި ބައިވެރިވާންއެދޭ ފޯމް އޭދަފުށީ އަޝްރަފީ ބުޓިކް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސެންޓަރުން ބުންޏެވެ.

ޔޫސީ މަސް ނިންމާ ދަރިވަރުންނަށް ކަލްކިއުލޭޓަރު ނުވަތަ އެފަދަ އެހެން އެއްވެސް އާލާތަކާ ނުލާ ހިސާބުގެ ބޮޑެތި ނަމްބަރުތަށް ހިތުން ހަދާލެވެއެވެ. އަދި މީގެ އިތުރުން މިޕުރޮގުރާމްގައި ބައިވެރިވާ ދަރިވަރުންނަށް ގައުމީ ފެންވަރުގެ ޔޫސީމާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސެންޓަރުން ބުންޏެވެ.

ޔޫސީމަސް ކްލާސްތައް މާލޭގެ އިތުރުން އައްޑޫސިޓީ އަދި ކުޅުދުއްފުށީ އަދި ތިނަދޫގައިވެސް ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.