ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު ހިތަދޫގައި ހުޅުވައިފި

ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ ބައެއް މުވައްޒަފުން. ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ ބައެއް މުވައްޒަފުން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާ ކުރުމުގެ ގޮތުން އެ ބޭންކްގެ ކޮންޓެކްޓް ސެންޓަރު އިތުރަށް ޒަމާނީކޮށް އިއްޔެ ރަސްމީކޮށް އައްޑޫގައި ހުޅުވައިފި އެވެ.

ހިތަދޫގައި ދިރާގު އޮފީހުގެ އިމާރާތުގެ ބައެއްގައި ގާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގެވެ.

ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު އިއްޔެ ރަސްމީކޮށް ހުޅުވި ނަމަވެސް މިހާތަނަށް އެ ސެންޓަރު ހިންގަމުން އައީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ ބީއެމްއެލް ބްރާންޗްގަ އެވެ.

ބީއެމްއެލްއިން ބުނީ، ބޭންކުގެ ހިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތްތާނގައި އިތުރުކުރާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ، ވިދާޅުވީ، ކަސްޓަމާ ސާވިސް އަކީ ބީއެމްލްގެ ހިދުމަތްތައް ބައްޓަން ކުރުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި އެހެންކަމުން އަދިވެސް ބޭންކުން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ހީލީ ވިދާޅުވީ، ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ކޮންޓެކްޓް ސެންޓަރާއެކު ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ތަމްރީން ލިބިފައި ތިބި މުވައްޒަފުންތަކެއް ހިދުމަތަށް ނިކުތުމުން ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ 31 ބްރާންޗެއް ރާއްޖޭގެ 20 އަތޮޅެއްގައި މިހާރު އެބަ ހުއްޓެވެ. އައްޑޫގައި އެ ބޭންކްގެ ތިން ބްރާންޗް ހުރެ އެވެ.

ހިތަދޫގައި ކޮންޓެކްޓް ސެންޓަރު ހުޅުވުމުގެ އިތުރަށް ހިތަދޫ ބްރާންޗާއި މަރަދޫފޭދޫގައި ހުންނަ ގަން ބްރާންޗްގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ވެސް އިއްޔެ ވަނީ ރަސްމީކޮށް އިފުތިތާހުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.