ކޭޝް ކާޑުން ޓެކްސީތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ބީއެމްއެލްގެ ކޭޝްކާޑުން ޓެކްސީއަށް ފައިސާ ކަނޑަނީ. ފޮޓޯ / ބީއެމްއެލް
ބީއެމްއެލްގެ ކޭޝްކާޑުން ޓެކްސީއަށް ފައިސާ ކަނޑަނީ. ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކޮށް ފައިސާ ދެއްކޭނެ ހިދުމަތެއް މިއަދު ތައާރަފު ކޮށްފި އެވެ.

“ބީއެމްއެލް ކޭޝްލެސް ރައިޑް” ތައާރަފްކުރެއްވީ ދަރުބާރުގޭގެ ފުރަގަހުގައި މިއަދު ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ޝަރީފު ވިދާޅުވީ މި ހިދުމަތް ތައާރަފުވުމާއެކު، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

“މި ފަދަ ފަސޭހަ ހިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާ އެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ކަސްޓަމަރުންނަށް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހިދުމަތް ތައާރަފް ކުރުމުން ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށް ފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ،” ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އެންމެ ފުރަތަމަ މި ހިދުމަތް ތައާރަފު ކުރަނީ ފަސް ޓެކްސީގައި ނަމަވެސް، މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

ހިދުމަތް ތައާރަފްކޮށް ދެއްވުމުގެ ގޮތުން ޝަރީފް އެ ސަރަހައްދަށް ވަޑައިގެންނެވި ޓެކްސީއަށް ފައިސާ ދެއްކެވީ ވެސް ކާޑުންނެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން ތައާރަފްކުރި މި ހިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުންކުރާނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެވެ. އަދި ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ކާޑެއް ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކުމުން ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.