ފެއިމްސް ޔުނައިޓެޑް ވެސް ތައްޓަށް، މިއީ އެޓީމުން ތަފާތު ފެންނާނެ ފަހަރެއް

މިދިޔަ އަހަރު އޮތް ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ފެއިމްސް ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ފެއިމްސް ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު އަންނަމަހުގެ އެއްވަނަ ދުވަހު ފަށާއިރު ފެއިމްސް ޔުނައިޓެޑް ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށް އެޓީމުން ބުނެފިއެވެ. ޓީމުގެ މެނޭޖަރ އިބްރާހީމް ޝަހީމް “އީޓީ” އާ ވާހަކަދައްކަމުން ބުނީ ތަށި ހޯދުމުގެ އަޒުމުގައި ޓީމު ނިކުންނާނީ ފުޓްސަލްގައި އޭދަފުށީގައި ތިބި ހުނަރުވެރި މޮޅު ކުޅުންތެރިންނާއި އެކު ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި މީގެ ކުރިން އޭދަފުށީގެ ފުޓްބޯޅައިން ނުފެންނަ އެތައް މަންޒަރެއް އެޓީމުން ފެނިގެންދާނެކަމަށް ޓީމުން ބުނެއެވެ.

” މިއީ މި މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވި ޓީމު. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ މެނޭޖްމަންޓުގެ ވަރަށް ބުރަ މަސައްކަތުން ހޯދާފަތިބި ކުޅުންތެރިން. އެކުޅުންތެރިން މި ޓީމާ ގުޅުނީ ހުރިހާ ގޮތަކުންވެސް މި ޓީމަށް ކުޅެން ބޭނުންވެގެން. މި ޓީމާއެކު ޔުނިޓީ ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް. ބޮޑު ބަޖެޓެއް ކަނޑައަޅާފަ މިފަހަރު މި ޓީމުގެ ބޭނުމަކީ ހަމައެކަނި މޮޅު ކުޅުމެއް ދެއްކުމެއް ނޫން. ފުޓްބޯޅައިގައި އޭދަފުށިން ނުފެންނަ އެތައް މަންޒަރެއް ފެއިމްސް ޓީމު ކުޅޭއިރު މިފަހަރު ބެލުންތެރިންނަށް ފެނިގެންދާނެ ” ޝަހީމް ބުންޏެވެ.

މިއަހަރުގެ މުބާރާތަށް ވަރުގަދަ ޓީމެއް އެކުލަވާލާފައިވާއިރު އެޓީމުގައި މިފަހަރުވެސް ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާއި އަޙްމަދު ލަޠީފް (ލައްޗޭ) އަދި އަބްދުﷲ ޒަޢީމް (އައްބި) ހިމެނޭނެކަން ވަނީ ޔަގީންވެފައެވެ. އިތުރު ކުޅުންތެރިންތަކެއް ގުޅިފައިވާއިރު އެކުޅުންތެރިންގެ ނަންތައް ހާމަކުރަން ޓީމުން އަދި ބޭނުމެއް ނުވެއެވެ. ނަމަވެސް “އީޓީ” އަށް އެނގިފައިވާގޮތުގައި މިދިޔަ ދެއަހަރު މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އަޒްމީން އަބްދުއްސައްތާރުގެ އިތުރުން އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އާއި އާދަމް ނިޒާމް (ކިތުނާ) ވެސް މިފަހަރު ފެންނާނީ ފެއިމްސް ޔުނައިޓެޑް ޓީމުންނެވެ. މި ތިން ކުޅުންތެރިންނަކީވެސް މިދިޔަ ދެއަހަރު ޗެމްޕިއަންކަން ހޯދި ސޮނެވާފުށީ ޓީމުގައި ހިމެނުނު އެންމެ މުހިއްމު ތިން ކުޅުންތެރިންނެވެ.

އަޒްމީން ، ކިތުނާ އަދި މަޖިއްޓޭ މި 3 ކުޅުންތެރިން މި އަހަރު ފެނިގެންދާނީ ފެއިމްސް ޔުނައިޓެޑް އިން | އީޓީ ފައިލް ފުޮޓޯ
އަޒްމީން ، ކިތުނާ އަދި މަޖިއްޓޭ މި 3 ކުޅުންތެރިން މި އަހަރު ފެނިގެންދާނީ ފެއިމްސް ޔުނައިޓެޑް އިން | އީޓީ ފައިލް ފުޮޓޯ

ތިން ކުޅުންތެރިން ސޮނެވާފުށި ރިސޯޓަށް ނުކުޅެ އޭދަފުށީގެ އެހެން ޓީމަކަށް ބަދަލުވެފައިވާކަން އެ ރިސޯޓުން ވަނީ ޔަގީންކޮށްދީފައެވެ. ކޮންމެވެސް ސަބަބަކާހުރެ މިއަހަރުގެ މުބާރާތުގައި މި ތިންކުޅުންތެރިން ސޮނެވާފުއްޓަށް ނުކުޅެން ނިންމާފައިވީނަމަވެސް އެޓީމުން ބުނަނީ އެކުޅުންތެރިން ނުލާވެސް މުބާރާތް ކާމިޔާބުކުރެވިދާނެކަމަށެވެ. ފެއިމްސް އާއި ސޮނެވާފުށިންވެސް ތައްޓަށް ވާދަކުރާއިރު މިދެޓީމު މިފަހަރު ހިމެނިފައިވަނީވެސް އެއް ގްރޫޕެއްގައެވެ. އެންމެ ފުރަތަމަ މުބާރާތް ފެއިމްސް ޔުނައިޓެޑް ކާމިޔާބުކޮށްފައިވާއިރު މިދިޔަ ދެއަހަރު މި މުބާރާތް ކާމިޔާބުކުރީ ސޮނެވާފުށި ރިސޯޓެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. މުބާރާތް ހުޅުވާ މެޗުގައި ފެއިމްސް ޔުނައިޓެޑް ނިކުންނާނީ މާޅޮސް ޔޫތް ކްލަބާއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާ އިރު ބްރޯޑްކަސްޓިން ޕާޓްނަރަކީ ވީޓީވީ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިފަަހަރުވެސް އޭދަފުށި ޓައިމްސް (އީޓީ) އެވެ.

ގުޅުންހުރި ލިޔުންތައް