ފުޓްބޯޅަ ދަނޑާއި ސްޕޯޓްސް އެރީނާ ނިމުމަކަށް

ފުޓްބޯޅަ ދަނޑުގަިއ ފެންސް ޖަހައިފައި، ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ގާތްގަޑަކަށް ނިމިފައި. ފޮޓޯ: ރާއިފް ޔޫސުފް/އީޓީ
ފުޓްބޯޅަ ދަނޑުގަިއ ފެންސް ޖަހައިފައި، ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ގާތްގަޑަކަށް ނިމިފައި. ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ސްޕޯޓްސް އެރީނާ ހިމެނޭގޮތަށް އޭދަފުށީ ފުޓްބޯޅަ ދަނޑު ތަރައްގީކުރަންފެށީ މިދިޔަ މަހު އެކެއްގަ އެވެ. އެގޮތުން ދަނޑުގެ އިރުމަތީ ވަށާ ފާރު އެއްކޮށް ތަޅާލައި ދަނޑާ މިސްކިތާ ދޭތެރޭ އޮތް މަގާ އެކު ދަނޑު ބޮޑުކޮށް، ވަށައިގެން ފެންސް ޖަހައި އަދި ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރު ކޯޓްތައް އެޅުމުގެ މި މަޝްރޫއަށް ސަރުކާރުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރީފް މިއަދު “އީޓީ” އަށް ވިދާޅުވީ ސްޕޯޓްސް އެރީނާއާއެކު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މިހަފްތާ އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ނައުރީފް ވިދާޅުވި އެވެ.

ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކަށް އައިއިރު، ދަނޑުވަނީ ކުރިން އޮތް ހިސާބަށްވުރެ ދެކުނަށް ޖައްސައިފަ އެވެ. އަދި މި ބަދަލާއެކު ކުރިން ދަނޑުގެ ދެކުނު ކޮޅުގައި އަޅަން ހަމަޖެހުނު ތިން ކޯޓް ހަދާފައިވަނީ ދަނޑު ދެކުނަށް ޖެއްސުމުން އުތުރުކޮޅުގައި އޮންނަ ހުސްބިމުގަ އެވެ. މިގޮތަށް ބަދަލު ގެނައީ ޒުވާނުންގެ އެދުމުގެ މަތިން ކަމަށް ކައުންސިލުން ބުންޏެވެ.

މަތިން ނަގާފައިވާ ދަނޑުގެ ފޮޓޯއެއް. ފޮޓޯ؛ ރާއިފް ޔޫސުފް/އީޓީ
މަތިން ނަގާފައިވާ ދަނޑުގެ ފޮޓޯއެއް. ފޮޓޯ؛ ރާއިފް ޔޫސުފް/އީޓީ

ފުޓްބޯޅަ ދަނޑު ހަދައި ނިމުމަކަށް އައިއިރު، ޒުވާނުންގެ އެދުމުގެ މަތިން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އޭނާގެ އަމިއްލަ ޚަރަދުގައި އެ ދަނޑުގައި އެޅުމަށް ބޭނުންވާ ޓާފު ރާއްޖެއިން ބޭރުން ގެނެސްދެއްވާނެ ކަމަށް މިދިޔަ އަހަރު ފަހުކޮޅު ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލުން ބުނީ ދަނޑުގައި ޓާފު އެޅޭނީ ދަނޑު ބޮޑުކޮށްގެން ކަމަށާއި އެހެންވެ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އެކަމަށް ވިސްނައިގެން ރޭވި މަސްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރި ސްޕޯޓްސް އެރީނާގައި ހިމެނޭ ކޯޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވަސީލަތްތައް ގާއިމް ކުރެވިފައި ހުންނާނެކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.