ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން އެސްޓީއޯއަށް ދިން ބ. އަތޮޅު މުތާފުށި ވިއްކާލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ބ. ތުޅާދޫގެ އިރު އުތުރުން ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި މުތާފުށި އެސްޓީއޯއަށް ހަވާލުކުރީ 2010 ވަނަ އަހަރު، 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެސްޓީއޯއަށް މުތާފުށި ދިން އެގްރިމެންޓް ބާތިލުކޮށް، އެ ރަށް ސަރުކާރަށް އޮތީ ނަގާފައެވެ.
އެރަށް އެސްޓީއޯއަށް ސަރުކާރުން ދިނީ ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުމާ ގުޅިގެން ނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަންގައިދިނުމަށް އެދޭ ކަމަށެވެ.