
ސަރުކާރުން އިސްކަން ދެނީ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށް ތަރައްގީ ކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ކުދި ރަށްރަށުން އެހެން ރަށްރަށަށް ބަދަލު ކުރާ އާއިލާތަކަށް ބޮޑެތި ރަށްރަށުގައި ހިލޭ ގެދޮރު ހަމަޖައްސައިދޭނެ ކަމަށެވެ.
“އެފަދަ ރަށްރަށް ފަތުރުވެރިކަމަށް ތަރައްގީ ނުކުރެވެންވީ ކީއްވެތޯ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ އާބާދީ ވަރަށް މަދު ކަމަށާއި، ބަނދަރާއި، ނަރުދަމާ ފަދަ ވަސީލަތްތައް ހުރިހާ ރަށަކަށް ފޯރުކޮށް ދިނުމަކީ އިގްތިސާދީ ގޮތުން ހަމަޖެހޭ ކަމެއް ނޫން،”
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށާއި މަޑުމަޑުން ކުޑަ ކުޑަ ތަރައްގީ ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ނޫން ކަމަށެވެ.
ފ. އަތޮޅުގެ އިންވެސްޓުމެންޓަށް އަލިއަޅުވާލައްވަމުން މިނިސްޓަރު މިގޮތަށް ވާހަކަދައްކަވާފައިވާއިރު ފ.އަތޮޅުގައި ކުރަނީ ބޮޑު އިންވެސްޓެމެންޓެއް ކަމަށާއި އެއީ ގާނޫނާއި ހިލާފަށް ރަށް ވިއްކާލުމެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
“އެއީ ބޮޑު އިންވެސްޓުމެންޓެއް. މަޑު މަޑުން ބަދަލުވާކަށް ނޫން ބޭނުމީ. އަޅުގަނޑުމެން ބޭނުމީ އިންގިލާބީ ބަދަލުތައް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލަން،”
